މަތީ ތައުލީމުގެ ސްކޮލަޝިޕާއި ލޯން ސްކީމެއް ކްލިކް ކޮލެޖުން ތައާރަފުކޮށްފި
މަތީ ތައުލީމުގެ ސްކޮލަޝިޕާއި ލޯން ސްކީމެއް ކްލިކް ކޮލެޖުން ތައާރަފުކޮށްފި

މަތީ ތައުލީމަށް ކިޔެވޭނެ ސްކޮލަޝިޕްގެ ފުރުސަތާއި ލޯން ސްކީމެއް ތައާރަފުކޮށް އެ އަށް ކުރިމަތިލުމުގެ ފުރުސަތު ކްލިކް ކޮލެޖުން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ހިންގާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކޯސްތަކުގައި މިހާރަށް ވުރެ ފަސޭހަކަމާ އެކު ކިޔެވޭނެ މަގު ފަހިކޮށްދިނުމަށް ވަނީ 75 ފުރުސަތެއް ހުޅުވާލައިފަ އެވެ. އެ ފުރުސަތަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

ކްލިކުން އަލަށް ތައާރަފު ކުރީ، ފުލް ސްކޮލަޝިޕްގެ 15 ފުރުސަތާއި ޕާޝަލް ސްކޮލަޝިޕްގެ 20 ފުރުސަތާއި ލޯން ސްކީމް މެދުވެރިކޮށް ކިޔަވަން 40 ފުރުސަތެވެ. މިއީ އެ ކޮލެޖުގައި މުޅިން އަލަަށް އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ސްކޮލަޝިޕްތަކެވެ.

ފުލް ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް، ކްލިކް ކޮލެޖުގެ އަމިއްލަ ކޯސްތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީ ޕްރޮގްރާމްތަކަށް ކުރިމަތިލެވޭނެ އެވެ. ދަރިވަރު އިހުތިޔާރު ކުރާ ކޯހުގެ ފީ މުޅިން މާފުވާއިރު، އެ ސްކީމަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ދަރިވަރަކަށް ވުން ހިމެނެ އެވެ.

މި ސްކީމް ހާއްސަ ކޮށްފައި ވަނީ، ކްލިކުން ހިންގާ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމަށް ކިޔަވާ ދަރިވަރުންނަށެވެ. އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއޭ) އާއި އެސޯސިއޭޝަން އޮފް ޗާޓާޑް އެކައުންޓަންޓްސް (އޭސީސީއޭ) އާއި ހެރިއޮޓް ވަން ޔުނިވާސިޓީގެ ޑިގްރީ ކިޔެވުމަށް އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޭ ޕާޝަލް ސްކޮލަޝިޕުން ކްލިކް ކޮލެޖު ސްޕޮންސާ ކޮށްފައި ވަނީ، ކޯސް ފީގެ 25 ޕަސެންޓެވެ.

އަލަށް ކިޔަވަން ފަށާ އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ލޯން ސްކީމްގެ ދަށުން، ކޯހުގެ ފީގެ 50 ޕަސެންޓް ދައްކައި ދޭނީ ކޮލެޖުންނެވެ. ބާކީ 50 ޕަސެންޓް ދަރިވަރަށް ދައްކަން ޖެހޭނީ، ކޯސް ނިންމުމަށް ފަހު އެވެ.

އެއީ އިންޓަރެސްޓް ފްރީ ލޯނަކަށް ވުމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަތަކެއް ވާނެ ކަމަށް ކްލިކުން ބުންޏެވެ.