ޕްރިޔަންކާ ޗޯޕްޅާ ކައިވެނިކޮށްފި ކަމަށް ބުނުމުން އައީ ހިނި
ޕްރިޔަންކާ ޗޯޕްޅާ ކައިވެނިކޮށްފި ކަމަށް ބުނުމުން އައީ ހިނި

ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ލޯބީގެ ވާހަކަތައް ދޭތެރެ ދޭތެރެއިން މީޑިއާތަކުގެ ސުރުހީތަކަށް އަރަ އެވެ. އެނގޭހާ ވެސް އެއްޗަކީ ދުވަސްކޮޅަކަށް އޭނާ ޝާހިދު ކަޕޫރާ ރައްޓެހިވެގެން އުޅުނު ކަމާއި ޝާހްރުކާނާއި އަކްޝޭ ކުމާރާ އެކު މާ ސިއްރު ގުޅުމެއް ބާއްވައިގެން، ޝާހްރުކްގެ އަންހެނުން ގޯރީ އާއި އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ވެސް އެކަމާ ވަރަށް ނުރުހުނުކަމެވެ.

ޕްރިޔަންކާ ވަނީ ޝާހިދާ އެކު ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "ކަމީނޭ" އާއި "ތޭރީ މޭރީ ކަހާނީ" އެވެ. ޝާހްރުކާ އެކު "ޑޮން" ގެ ދެ ފިލްމެއް ޕްރިޔަންކާ ކުޅެފައިވާ އިރު، އަކްޝޭއާ އެކު "މުޖުސޭ ޝާދީ ކަރޯގޭ"، "ވަގުތު" އަދި "އެއިތުރާޒް" އާއި "އަންދާޒް" ފަދަ ފިލްމްތައް ކުޅެފައިވެ އެވެ.

ޝާހިދާއި ޝާހްރުކާއި އަކްޝޭގެ އިތުރުން ޕްރިޔަންކާ ދެން ލޯބީގެ ގުޅުމެއް ބޭއްވީ ހޮލީވުޑްގެ އެކްޓަރު ޖެރަޑް ބަޓްލާއާ ކަމަށް އެއް ދުވަސްވަރެއްގައި އަޑުތައް އެރި އެވެ.

ރިޕޯޓްތައް މިހާރު ބުނަނީ ޕްރިޔަންކާ، 35، ސިއްރުން ކައިވެނި ކޮށްފި ކަމަށެވެ. އިންޑިއާގެ މީޑިއާތަކުން މި ވާހަކަ މި ދުވަސްކޮޅު މާ ބޮޑަށް ތިލަކޮށްގެން އުޅެނީ އާސާމްގެ ޓޫރިޒަމް އިޝްތިހާރު ކުރަން ޕްރިޔަންކާ ކުޅޭ އިޝްތިހާރެއްގެ ޝޫޓިން އަށް އިންޑިއާ އަށް ގޮސްގެން އުޅޭ އިރު، އަތުގައި އަޅާފައި އޮތް ބްރެސެލެޓެއް ފެނިގެންނެވެ.

އިންޑިއާގެ މިޑިއާތަކުން އޭތި ސިފަކުރީ ޕްރިޔަންކާގެ މަންގަލްސުތުރާގެ ގޮތުގަ އެވެ. މަންގަލްސުތުރާއަކީ ހިންދޫ އަންހެނުން ކައިވެނި ކުރުމަށް ފަހު، ކަރުގައި އަޅާ ފަށެކެވެ. ޕްރިޔަންކާގެ ވާތުގައި އަޅާފައި އޮތް ބްރެސެލެޓް އޮތީ މަންގަލްސުތުރާ ގަތާފައި އޮންނަ ގޮތަށެވެ.

އެ ބްރެސެލެޓާއި ކައިވެންޏާ ގުޅުވުމުން ޕްރިޔަންކާ ގާތަށް އައީ ހިންޏެވެ. އަދި ހިނިގަނޑު ޓްވިޓާގައި ހިއްސާ ކުރަމުން އޭނާ ބުނީ ވާހަކަތައް ފެތުރިޔަސް މިއީ ބޮޑުވަރު ކަމަށެވެ.

"މައިތިރިވޭ، އަހަރެން ކައިވެނި ކުރީމަ އެކަން އަންގާލާނަން. އެކަން ސިއްރެއް ނުކުރާނަން،" ޕްރިޔަންކާ ބުންޏެވެ.

އޭނާ ދާދި ފަހުން ބުނެފައިވާ ގޮތުގައި ކައިވެނިކޮށް ދަރިން ހޯދަން ބޭނުންވެ އެވެ. އެކަމަކު އެކަން ވާނީ ކޮން އިރަކުންކަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.

ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ބަތަލާ ވަނީ މިހާރު ހިންދީ ފިލްމަކަށް ސޮއި ވެސްކޮށްފަ އެވެ. އެއީ ސަލްމާނާ އެކު ކުޅޭ "ބާރަތު" އެވެ.

ޕްރިޔަންކާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން މިހާރު ދައްކަމުން އަންނަ އިރު، ބޮޑު ސްކްރީނުން އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖޫން 8 ގައި ރިލީޒް ކުރާ "އަ ކިޑް ލައިކް ޖޭކް" އިންނެވެ.