މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި
މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި

މިއުނިކް (ޖުލައި 23) - ޖަރުމަނުގެ މިއުނިކުގެ ޝޮޕިން ސެންޓަރެއްގައި ބަޑިން ހަމަލާދީ ރޭ ނުވަ މީހުން މަރާލާފައި ވަނީ 18 އަހަރުގެ ޒުވާނެއް ކަމަށާއި އެ ހަމަލާ ދިނީ އޭނާ އެކަނި ކަމަށް ފުލުހުން ބުނެފި އެވެ.

މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި
މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި

ނޫސްވެރިންނާ ވާހަކަ ދައްކަމުން ފުލުހުން ބުނީ ޖަރުމަނާއި އީރާނުގެ ޕާސްޕޯޓް ވެސް އޮންނަ ޒުވާނާ ދިރިއުޅެމުން ދަނީ މިއުނިކުގައި ކަމަށެވެ. އޭނާ މި ހަމަލާ ދިން ބޭނުމެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި
މިއުނިކުގައި ބަޑިން ހަމަލާ ދިނީ 18 އަހަރުގެ ޒުވާނާ އެކަނި

ހަމަލާގައި 16 މީހަކު ވަނީ ޒަޚަމްވެފަ އެވެ. މީގެ ތެރޭން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާގައި ތިން މީހަކު ބައިވެރިވި ކަމުގެ ރިޕޯޓްތައް ފުރަތަމަ ލިބުމާ ގުޅިގެން ހަމަލާ ދިން މީހުން ހޯދުމަށް ރޭ ވަނީ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފަ އެވެ. ހަމަލާ ދިން މީހާގެ ހަށިގަނޑު ވަނީ އޮލިމްޕިއާ މޯލާ އެއް ކިލޯ މީޓަރު ދުރުން ފެނިފަ އެވެ.

މިއުނިކުގެ ފުލުހުންގެ ވެރިޔާ ހުބާޓަސް އަންދުރާއީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ހަމަލާ ދިން މީހާ ފުލުހުންނަށް އެނގޭ ކަމަށާއި ޓެރަރިސްޓް ޖަމާއަތަކާ އޭނާއާ ގުޅުން އޮތްކަން އަދި ކަށަވަރުވެފައި ނުވާ ކަމަށެވެ. އަދި ހަމަލާގައި ތިން މީހަކު ބައިވެރިވި ކަމަށް ބެލެވުނީ މަންޒަރު ދުށް މީހުން އެ ގޮތަށް މައުލޫމާތު ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލުގައި ދިން ބަޑީގެ ހަމަލާ އަށް ފަހު މިއުނިކުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. ނަމަވެސް ފަހުން ފުލުހުންގެ ހުއްދައާ އެކު ވަނީ ދަތުރުތައް ފަށައިފަ އެވެ. ދަތުރުތައް ހުއްޓާލުމާ އެކު ގިނަ ބަޔަކު ވަނީ ތާށިވެފަ އެވެ. އެ މީހުންނަށް ހިޔާވަހިކަން ދިނީ އެ ހިސާބުގަނޑުގެ މީހުންނެވެ.

ހަމަލާއާ ގުޅިގެން ޗާންސެލާ އެންޖެލާ މާކެލްގެ ސިކިއުރިޓީ ކެބިނެޓުގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވަން ނިންމައިފަ އެވެ.

ޖަރުމަނުގެ ބަވޭރިއަން ސަރަހައްދުގައި ރޭލެއްގައި އަފްޣާނިސްތާނުގެ 17 އަހަރުގެ ރެފިއުޖީ ކުއްޖަކު ކޯރާޑިއަކުން ހޯމަ ދުވަހު ހަމަލާދީ ފަސް މީހުން ޒަޚަމްކޮށްލި ހާދިސާ އަށް ފަހު ޖަރުމަނު ފުލުހުން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ. ކޯރާޑިން ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ފަހުން އުފުލައިފަ އެވެ.