ބަޔާން ކަޓުވާލުމަށް ފަހު ރެއާލް ފައިނަލަށް
ބަޔާން ކަޓުވާލުމަށް ފަހު ރެއާލް ފައިނަލަށް

މެޑްރިޑް (މެއި 2) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ 2-2 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓް ނަތީޖާ އިން 4-3 އިން ކުރިހޯދައި ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން ދެ ފަހަރު ޗެމްޕިއަންކަން ހޯދި ރެއާލް ވަނީ މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ތިން ފަހަރު ދަތުރުކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ޒުވާން ކުޅުންތެރިޔާ ޖޯޝުއާ ކިމިޗް އެވެ. ދެ ވަނަ ލަނޑެއް ޖަހަން ބަޔާނުން އެޓޭކަށް ޖެހި އޮއްވައި، ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ބެންޒެމާ މި ލަނޑު ޖެހީ މާސެލޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

އޭގެ ފަހުން ބަޔާނުގެ ކިމިޗް ނެގި ހުރަހެއް ރެއާލުގެ މާސެލޯ އަތުގައި އޭރިއާ ތެރެއިން ޖެހުމުން ބަޔާނުގެ ކުޅުންތެރިން ޕެނަލްޓީއެއް ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެހެން ނަމަވެސް ރެފްރީ ނުދެ އެވެ.

ދެ ވަނަ ހާފް ފަށައިގެން މިނިޓެއްގެ ތެރޭ ބެންޒެމާ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. ބެންޒެމާ މި ލަނޑު ޖެހީ ބަޔާންގެ ކީޕަރު ސްވެން އުލްރިއޭ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ބަޔާނަށް އެއްވަރުކޮށްދިނީ ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް އެވެ.

ތިން ވަނަ ލަނޑެއް ޖަހައިގެން ބަޔާނަށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތުމުން ފަހު ވަގުތު އެ ޓީމުން ގިނަ އެޓޭކްތަކެއް ކުރި އެވެ. ބަޔާނުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލް ކީޕަރު ކޭލޯ ނަވާސް އެވެ. ކައުންޓަ އެޓޭކުގައި ރެއާލަށް ލަނޑު ޖަހައިދޭން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ގަރެތު ބޭލް އަށް ވެސް ލިބުނެވެ. އެހެން ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މިއީ ރެއާލުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި 16 ވަނަ ފަހަރެވެ. އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ހަވާލުވި ފަހުން މި މުބާރާތުގައި އެ ޓީމުގެ ރެކޯޑް ރަނގަޅެވެ. ރޭގެ މެޗަށް ފަހު ޒިދާން ބުނީ ފައިނަލުގެ ޖާގަ ހޯދުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ވަރަށް ޕްރެޝަރުގައި ކުޅެގެން ފައިނަލަށް މިއައީ. ފުޓްބޯޅައިގެ އެންމެ ބޮޑު ހިތްހަމަ ޖެހުން ލިބޭ ކަންތަކުގެ ތެރެއިން ކަމެއް މިއީ. ޕްރެޝަރުގައި ކުޅެގެން ކާމިޔާބު ހޯދުން،" ޒިދާން ބުންޏެވެ.

ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނީ ފުރަތަމަ މެޗެކޭ އެއް ގޮތަށް މި މެޗު ވެސް ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯހަކުން ކަމަށާއި ކުރި ހިތްވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

މި މަހު 26 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ ރޯމާ އާއި ލިވަޕޫލް ކުޅޭ މެޗަށް ފަހު އެވެ. ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ރޯމާ އަތުން 5-2 އިން މޮޅުވެފަ އެވެ.