މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ބައެއް ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މާދަމާ އޮތީ ޓެރަރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުމެވެ. މާދަމާ އަޑުއެހުމުގައި އޮންނާނީ ވަކީލަކާ އެކު މައުމޫންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާތަކުގެ ތެރެއިން މާދަމާ އޮތީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެކެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

މީގެ އިތުރުން ޖެމްސް ސިސްޓަމް ހުއްޓުވިކަމަށް ބުނެ އުއްތަމަ ފަނޑިޔާރަށް ކުރާ، ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ހެނދުނު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިން އޮތީ ފަށައިފަ އެވެ.

މައުމޫނާއި ދެ ފަނޑިޔާރުންގެ އިތުރުން މަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދެ ފަނޑިޔާރުންނަށް ދައުލަތުން ކުރެ އެވެ.