04 މެއި 2018 - 07:46

ބޮލީވުޑްގެ ކާމިޔާބު ބަތަލާއަކަށް ވާން ބޭނުން ނަމަ، ފުރަތަމަ ޝަރުތަކީ ރީތި މީހަކަށް ވުމެވެ. ދިގު އިސްކޮޅެއް ހުރެފައި، ކުލަ އަލިވެފައި، ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ހުންނަން ޖެހޭނެ އެވެ. މިކަމުގެ ހިތްދަތި ތަޖުރިބާ ބަތަލާ ސޮނާކްޝީ ސިންހާ ފަދަ ތަރިން އަދިވެސް ދަނީ ކުރަމުންނެވެ. އޭނާއަކީ ބޮލީވުޑަށް ނުކުތީއްސުރެ، ފަލަކަމުން އަބަދު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ބަތަލާއެކެވެ.
އެކަމަކު ސޮނާކްޝީ މިހާރު ބުނަނީ އޭނާ ހުންނަ ސިފައާ ދޭތެރޭ މިހާރު ކަންބޮޑުނުވާ ކަމަށެވެ. ޒުވާން ބަތަލާ ބުނި ގޮތުގައި ބަތަލާއިންގެ ރީތި ސިފަ އަށް ވުރެ ބޮޑަށް ޑައިރެކްޓަރުން މިހާރު އެންމެ ބޮޑަށް ބަލާ ކަމަކީ މޮޅު އެކްޓިންއެވެ. އަދި މިއީ ވަރަށް އެދެވޭ ހެޔޮ ބަދަލެއް ކަމަށް އޭނާ ބުންޏެވެ.
ސްޓްރީކްސް ޕްރޮފެޝަލްގެ މި އަހަރުގެ "މެރިގޯލްޑް" ގެ ކަލެކްޝަންތައް ދައްކައިލަން އަންގާރަ ދުވަހު ބޭއްވި ފެޝަން ޝޯގެ ހަވާސާގައި ސޮނާކްޝީ ބުނީ ސިފައަކީ އެންމެ މުހިއްމު ކަންތައް ނޫން ކަމަށެވެ.
"އެ ޒަމާން މިހާރު ހިނގައްޖެހެން ހީވަނީ. އަހަންނަކީ ފެށުނީއްސުރެ ވަކި ގޮތަކަށް ބަތަލާއަކު ހުންނަން މަޖުބޫރު ނޫން ކަމަަށް ވަކާލާތު ކުރާ މީހެއް،" ހެޕީ ބާގް ޖާއޭގީގެ ސީކްއެލް އާއި ކަލަންކްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ބަތަލާ ބުންޏެވެ. "ފާޑުކިޔުންތަކާ އެކު ވެސް މި ހިސާބަށް އާދެވުނު އިރު މިހާރު އަހަންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ސިފަ އަށް ވުރެ ބޮޑަށް އެކްޓިން އަށް ސަމާލުކަން ދޭ ޑައިރެކްޓަރުން ގިނަވެއްޖެ ކަމަށް. ފިލްމްތަކަށް މީހުން ޝައުގުވެރިވާ އެއް ސަބަބަކީ މޮޅު އެކްޓިންތަކެއް އެކްޓަރުންގެ ފަރާތުން ފެންނަން ބޭނުންވުން."
ސޮނާކްޝީ، 30، ބުނީ ބަތަލާއަކަށްވުމަކީ އަބަދު ވެސް މީހުން އެ މީހަކު ހުންނަ ގޮތަކާ ދޭތެރޭ ފާޑު ކިޔާނެ ކަމެއް ކަމަށް ގަބޫލު ވެސް ކުރާ ކަމަށެވެ. އެހެންވެ އެއީ މައްސަލައެއް ނޫން ކަމަށް ބުންޏެވެ.
"މި ޒަމާނަކީ އެންމެން ފިޓްކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތް ކުރާ ޒަމާނެއް. އެހެންވީމާ އެކަމަށް މަސައްކަތް ކުރަން ޖެހޭނެ. އަހަންނަކީ ވެސް ހަމަ ގަވައިދުން ކަސްރަތުކޮށް ފިޓްކޮށް ހުންނަން މަސައްކަތް ކުރާ މީހެއް،" ސަލްމާން ހާނާ އެކު 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނިކުތް ބަތަލާ ބުންޏެވެ. "އެކަމަކު ފިޓްކޮށް ހުރުމަކީ މީހާ ވީހާ ވެސް ބޮޑަށް ހިކިފައި ހުރުމެއް ނޫން."
މި އަހަރު ރިލީޒް ކުރި "ވެލްކަމް ޓް ނިއުޔޯކް" ގެ ބަތަލާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ދަބަންގް 3" ފާހަގަކޮށްލެވެ އެވެ. އަދި ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ރޭސް 3" ގެ ހާއްސަ ލަވައަކުން ވެސް ސޮނާކްޝީ ފެނިގެން ދާނެ އެވެ.