ހިރަފުހުގެ ތޫފާނެއްގައި އިންޑިއާ އިން 74 މީހުން މަރުވެއްޖެ
ހިރަފުހުގެ ތޫފާނެއްގައި އިންޑިއާ އިން 74 މީހުން މަރުވެއްޖެ

ރާޖަސްތާން (މެއި 3) - އިންޑިއާގެ އުތުރުގެ ރާޖަސްތާން އާއި އުއްތަރަ ޕްރަދޭޝް އަށް އެރި ހިރަފުހުގެ ތޫފާނެއްގައި 74 މީހުން މަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެރި ތޫފާނުގައި ވަނީ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި، ގަސްތައް މުލުން ލުހި، އެތައް ބައިވަރު ގެއެއް ވެއްޓި އަދި ގިނަ އަދަދެއްގެ ޖަނަވާރު މަރުވެފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ނިދަން ތިއްބާ އެ މީހުންގެ ގެ ވެއްޓުމުންނެވެ. ތޫފާން އެރި އިރު ހޮނުއެޅި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރާޖަސްތާންގެ ޗީފް މިނިސްޓަރު ވިދާޅުވީ ތޫފާނުގައި ހާލުގައި ޖެހުނު ހިސާބުތަކަށް އެހީވުމަށް އޮފިޝަލުން މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތު ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މޮނިޓާ ކުރަން އޮފިޝަލުންނަށް އަންގަވައިފަ އެވެ.

ހިރަފުހުގެ ތޫފާން ވެރިރަށް ނިއު ދިއްލީ އަށް ވެސް އެރި ކަމަށް ވެ އެވެ. ނަމަވެސް ދިއްލީން އެއްވެސް މީހަކަށް ނުވަތަ އިމާރާތަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ހިރަފުހުގެ ތޫފާނެއް އިންޑިއާގެ ބައެއް ހިސާބުތަކަށް އަރައިފި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އަދި ހާލުގައި ޖެހުނު ސްޓޭޓްތަކަށް އެހީވުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގަވައިފަ އެވެ.