23 ޖުލައި 2016 - 16:51

އަހަރެއްހާ ދުވަސް ވަންދެން އައްޑޫގެ ކުނީގެ ހިދުމަތް ހިލޭ ފޯރުކޮށް ދިނުމަށް ފަހު، އަންނަ މަހުން ފެށިގެން ކުނީގެ ހިދުމަތުން އަގު ނަގަން ނިންމައި، ނަގާނެ އަގުތައް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ކުނީގެ ހިދުމަތުން އަގު ނަގަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެމްއާރްޑީސީން ބުނީ ގޭބިސިތަކާއި އޮފީސްތަކާއި ފިހާރަތަކުން ހަފުތާ އަކު ތިން ދުވަހު ކުމި ނަގައި ދޭނީ މަހަކު 159ރ. އަށް ކަމަށެވެ. އަދި ފިހާރަތަކާއި އޮފީސްތަކުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 318ރ. އަށެވެ.
މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 795ރ. އަށް ކަމަށް ވެސް އެމްއާރްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުނީގެ ހިދުމަތަށް އެދޭ ފޯމް އެމްއާރްޑީސީގެ ހިތަދޫ އޮފީހާއި ހުޅުމީދޫ އޮފީހުން މިހާރު ދޫކުރަމުން އަންނަ ކަމަށެވެ.
އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ޖޫން 11، 2015 ގައި އެމްއާރްޑީސީ އާ ހަވާލު ކުރުމަށް ފަހު، ދާއިމީކޮށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މެއި މަހުގެ 17 ގަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެމްއާރްޑީސީން ކުނި ނަގައި ދިނުމުގެ ހިދުމަތް ދެމުން އަންނަނީ އެއްވެސް ފީއަކާ ނުލައި މުޅިން ހިލެ އެވެ.
އައްޑޫގައި ކުނި މެނޭޖް ކުރުމުގެ ހަރުދަނާ ނިޒާމެއް މި އަހަރު ނިމުމުގެ ކުރިން ގާއިމް ކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ރީޖަނަލް ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ހިތަދޫގައި ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ.