ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ބެޑްމިންޓަނަށް ކުރިއެރުން
ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ބެޑްމިންޓަނަށް ކުރިއެރުން

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދާދި ފަހުން އާންމުކުރި ރޭންކިންގައި ރާއްޖޭގެ ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

އެގޮތުން ގައުމީ ފިރިހެން ޗެމްޕިއަން ޒަޔާން ޒަކީ މި ވަގުތު ފިރިހެން ސިންގަލްސް ބައިގައި އޮތީ 338 ވަނައިގަ އެވެ. މިކްސް ޑަބަލްސްގައި ޒަޔާން އާއި ފާތިމަތު ނަބާހާގެ ޕެއާ އޮތީ ދުނިޔޭގެ 174 ވަނައިގަ އެވެ. މިއީ ދުނިޔޭގެ ރޭންކިންގައި މި ބައިން ރާއްޖޭގެ ޕެއާ އެއް އެންމެ މަތިން ރޭންކް ކުރެވުނު ފަހަރެވެ.

ވިމެން ޑަބަލްސް ބައިން ރާއްޖޭގެ ދެބެން ކަމަށްވާ ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ވަނީ ދުނިޔޭގެ 147 ވަނަ އަށް ޖެހިލައިފަ އެވެ. މިއީ އަންހެން ޑަބަލްސް ޕެއާ އަކަށް ލިބުނު އެންމެ މަތީ ރޭންކިން އެވެ.

ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ފަހަކަށް އައިސް އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެ ގޮތުން މިދިޔަ ފެބްރުއަރީ މަހު އޮތް ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ތިން ވަނަ ނަބާހާ ވަނީ ހޯދައިފަ އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސިންގަލްސް ބައިން ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އިންޑިއާގެ ގުވަހާޓީގައި މިދިޔަ ޑިސެމްބަރު މަހު އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މިއީ އޯޕަން އިވެންޓެއްގައި ސަރަހައްދީ ފެންވަރުގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެނައުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއް ގޮތަށް އެ އެސޯސިއޭޝަނުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދެމުންނެވެ.