06 މެއި 2018 - 12:54

މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމާ ބެހޭ ގަވައިދަށް އަމަލުކުރާ މިންވަރު ބެލުމަށް ދެ ބޭންކަކާއި ފައިސާ ފޮނުވާ ދެ ކުންފުންޏެއްގެ އޮންސައިޓް އެގްޒަމިނޭޝަނެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު ހެދި ކަމަށް އެތަނުން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައި ބުނީ މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމާ ބެހޭ ގަވައިދަށް މާލީ އިދާރާތަކުން އަމަލުކުރާ މިންވަރު ބެލުމުގެ ގޮތުން އެތަންތަން ސުޕަވައިޒްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ދެ ބޭންކަކާއި މަނީ ރެމިޓެންސްގެ ވިޔަފާރިކުރާ ދެ ކުންފުންޏެއްގެ އޮންސައިޓް އެގްޒަމިނޭޝަން ހެދިއިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރި ޝައްކުކުރެވޭ މުއާމަލާތްތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ މައުލޫމާތު ދިރާސާކޮށް، އެ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމާ ބެހޭ ގަވައިދެއް ހަދައި އަމަލުކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރު އަމަލުކުރަން ފެށި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
އެމްއެމްއޭ އިން އެ ގަވައިދު ހަދައި އަމަލުކުރަން ފެށިއިރު، ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ނެރުނު "ސްޓީލިން ޕެރަޑައިސް"ގައި ސަރުކާރުގެ އިސްވެރިންތަކެއްގެ މައްޗަށް މަނީލޯންޑްރިން އާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވެ އެވެ. އަދި ޑޮކިއުމަންޓްރީގައި ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑެރިންއެއް ހިންގަން އުޅުނު ކަމަށް ބުނާ މައްސަލަ، އެމެރިކާ ސަރުކާރު ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެ އެވެ.