މުސްކުޅި ސެލް ފޯނުތަކުން ޖަންގަލި ހިމާތްކުރަނީ
މުސްކުޅި ސެލް ފޯނުތަކުން ޖަންގަލި ހިމާތްކުރަނީ

ދުނިޔޭގެ ޖަންގަލިތައް މޮނީޓާކޮށް ބެލެހެއްޓުމަކީ ތަހުޒީބީ ޒަމާނަށް އަދިވެސް ބުރަ ބޮޑު މަސައްކަތެކެވެ. ޒަމާން ދަންނަ ޓެކްނޮލޮޖީގައި އަދި އެ ފަސޭހައެއް ނެތެވެ. ބައެއް ސަރަހައްދުތަކުގައި މޮނީޓަރިން ސްޓޭޝަންތައް ހެދިފައި ހުރި ނަމަވެސް، ބިޔަ ޖަންގަލިތައް ބެލެހެއްޓުމަށް އެވަރަކުން ނުފުދެ އެވެ. މުޅި ދުނިޔެ އަށް ކަޅިއަޅަމުން ދާ ސެޓޭލައިޓްތަކަށް ވެސް މިއީ އުނދަގޫ ކަމެކެވެ. ގަސްތައް ވަގަށް ކަނޑަމުން ދާއިރު، އަތުލައިގަތުމަކީ ދަތިކަމެކެވެ.

ބާވެފައި ހުރި ސެލް ފޯނުތައް ބޭނުންކޮށްގެން ޖަންގަލިތައް ބެލެހެއްޓުމަށް ހައްލެއް ހޯދިދާނެ ގޮތެއް، ސޮފްޓްވެއާ އިންޖިނިއާ، ޓޮފާ ވައިޓް ވަނީ އަހަރުތަކެއް ކުރިން ކިޔައިދީފަ އެވެ. އޭނާ އެކަން ކުރި ގޮތް، ނެޝަނަލް ޖިއޮގްރަފިކް ލައިވް ސްޓޭޖްގައި ވެސް ހުށަހަޅައިދިނެވެ.

ފިޒިކްސް އިލްމުވެރިން އަދި ސޮފްޓްވެއާ އިންޖިނޭރުން ދެކޭ ގޮތުގައި، ޖަންގަލިތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ވަގަށް ގަސްކެނޑުން އަދި ޝިކާރަކުރުން ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވިދާނެ އެވެ. ދުޅަހެޔޮ ޖަންގަލިތައް ބިމާހަމަކޮށް ފާނާކުރަނީ ވަގަށް ގަސްކަނޑާ މީހުންނެވެ. އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ޖަނަވާރުން ޝިކާރަކުރަނީ ވެސް ވަގަށެވެ.

"ރެއިންފޮރެސްޓް ކަނެކްޝަން" އަށް ފޯނެއް ފޮނުވުމުން އެއީ އެ ޕްރޮޖެކްޓަށް ކަމުދާ ފޯނެއް ނަމަ ޖަންގަލި ހިމާޔަތްކުރުމުގައި ބައިވެރިވެވުނީ އެވެ. ޕްރޮޖެކްޓަށް ކަމުނުދާ ނަމަ ފޯނު ވިއްކާލެވެ އެވެ. އެ ގޮތުގައި ލިބޭ ފައިސާއިން ޕްރޮޖެކްޓް ދެމެހެއްޓުމަށް އެހީއަކަށް ވެ އެވެ.

ސެލް ފޯނު ބޭނުންކުރަނީ ޖަންގަލިތެރެއިން އިވޭ އަޑުތައް އެހުމަށެވެ. ގަސްކަނޑާ މީހުން ގެންގުޅޭ ކީހުން އިވޭ އަޑާއި ޖަނަވާރު ޝިކާރަކުރަން ޖަހާ ބަޑިން ފަދަ އާލާތްތަކުން އިވޭ އަޑުތައް އަތުލައިގަތުމަށެވެ.

ސެލް ފޯނުތަކަށް ބަދަލުގެނައުމަށް ފަހު، ޖަންގަލީގައި، އަމާޒުކުރެވޭ ހިސާބުތަކުގައި ހަރުކުރެވެ އެވެ. އެ އުސޫލުން މޮބައިލް ފޯން ސިގްނަލް ފޯރާ ހިސާބުތަކުގައި، ސެލް ފޯން މޮނީޓަރިން ސްޕޮޓްތަކެއް ގާއިމުކުރެ އެވެ. އަދި އެ މަސައްކަތުގައި ބައިވެރިވާ ނުވަތަ ހިލޭ ސާބަހަަށް ޖަންގަލި ބަލަހައްޓައިދޭ މީހުންނަށް އަޑުއެހޭ ގޮތަށް ނިޒާމު ގަތާލެވެ އެވެ.

މަސައްކަތްތައް މިއަދާ ހަމަ އަށް އައިއިރު، އަހަރެމެންނަށް ވެސް އެކަމުގައި ބައިވެރިވެވެން އެބަ އޮތެވެ. ޖަންގަލި އަޑުއަހަންވީ އެވެ. އަމިއްލަ ފޯނަށް "ރެއިންފޮރެސްޓް ކަނެކްޝަން" އެޕްލިކޭޝަން އެޅުމަށް ފަހު ތިޔައީ ވެސް ޖަންގަލި ހިމާޔަތްކުރާ މީހެކެވެ.