07 މެއި 2018 - 18:36

ކުއާލަ ލަމްޕޫރު (މެއި 7) - ކުރިއަށް އޮތް އާއްމު އިންތިޚާބުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދަށް ތާއީދު ކުރުމުން ވެރިކަން ކުރާ ޕާޓީގެ އިސް ދެ މެންބަރަކު ޕާޓީން ވަކިކޮށްފި އެވެ.
ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އިން ވަކިކޮށްފައި ވަނީ ކުރީގެ ފައިނޭންސް މިނިސްޓަރު ދައިމް ޒައިނުއްދީން އާއި ކުރީގެ އިންޓަނޭޝަނަލް ޓްރޭޑް މިނިސްޓަރު ރަފިދާހު އަޒީޒް އެވެ.
އުމްނޯގެ ސެކްރެޓަރީ ޖެނެރަލް ޓެންކޫ އަދުނާން ޓެންކޫ ވިދާޅުވީ ރަފީދާހު އާއި ދާއިމް ވަނީ އިދިކޮޅު ޕާޓީގެ އެއްވުމެއްގައި ސްޓޭޖަށް އަރާ ވާހަކަ ދައްކަވާފައި ކަމަށެވެ. ޓެންކޫ ވިދާޅުވީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ރައިސް ޔަތިމްގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ތިން ބޭފުޅުން ވެސް ވަނީ މަހާތިރުގެ 22 އަހަރުގެ ބޮޑު ވަޒީރުކަމުގައި ސަރުކާރުގެ އިސް މަގާމުތައް އަދާ ކުރައްވައިފަ އެވެ.
މެލޭޝިއާގެ އިންތިޚާބު ބުދަ ދުވަހު ބާއްވާ އިރު ފޭކް ނިއުސް ފެތުރި ކަމަށް ބުނެ އުމުރުން 92 އަހަރުގެ މަހާތިރުގެ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
އިދިކޮޅު އެހެން ފަރާތެއް ކަމަށްވާ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ރައީސް ރަފީޒީ ރަމްލީގެ މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ އޮފިޝަލުންނަށް ފާޑު ކިޔުމެވެ.