08 މެއި 2018 - 13:20

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން އެކަން ކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކޮށް ޔުމްނާ އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން ވަކީލަކާ އެކު މިއަދު 4:30 ގައި ފުލުހަށް ހާޒިރުވާން އަންގައި އިއްޔެ ވަނީ ޗިޓް ހަވާލުކޮށްފަ އެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ޔުމްނާ އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ އާއިލާގެ ތިން މެމްބަރަކު މިހާރު ވެސް ހައްޔަރު ކޮށްފައިވާތީ އާއި ގާނޫނީ ވަކީލުން ވަރަށް ބުރަކޮށް ކަމަށް ވާތީ، ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
ޖަވާބުގައި ފުލުހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޔުމްނާ އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.