08 މެއި 2018 - 16:05

ރިޔާޒް (މެއި 8) - ޔަމަނުގައި ހޫތީންގެ ކޮންޓްރޯލް އޮންނަ ވެރިރަށް ސަންއާގެ ރިޔާސީ ގަނޑުވަރަކަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދީފި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކޯލިޝަނުގެ ބޯޓުތަކުން ވަނީ ސަންއާ އަށް ވަރަށް ގިނަ ހަމަލާތައް ދީފަ އެވެ. ސަންއާގެ ރިޔާސީ ގަނޑުވަރު ހުންނަނީ ހޮޓާތަކާއި ބޭންކް އަދި ފިހާރަތަކާ ކައިރީގަ އެވެ. ޔަމަނުގެ މަރުކަޒީ ބޭންކު ވެސް ހުންނަނީ ރިޔާސީ ގަނޑުވަރާ މާދުރު ނޫން ހިސާބެއްގަ އެވެ.
ސަންއާގެ ރިޔާސީ ގަނޑުވަރު ހޫތީން ބޭނުން ކުރަމުން ދިޔައީ އެ މީހުންގެ އިދާރީ އޮފީހެއްގެ ގޮތުގަ އެވެ.
ކޯލިޝަނުން ސަންއާ އަށް ވައިގެ ހަމަލާދީފައި މި ވަނީ ސައުދީގެ ދެކުނުގެ ހިސާބުތަކަށް ހޫތީން ބެލިސްޓިކް ދެ މިސައިލް ފޮނުވާލާފައި ވަނިކޮށެވެ. އެ މިސައިލްތަކަށް ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުރަސްއަޅައި ވައްޓާލައިފަ އެވެ. މިދިޔަ ނޮވެމްބަރުން ފެށިގެން ހޫތީން ދަނީ ސައުދީ އަށް މިސައިލް ހަމަލާތައް ދެމުންނެވެ.
ސައުދީ ކޯލިޝަނުން ޔަމަނަށް ވައިގެ ހަމަލާ ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.