ފޯނު ނުދިން މައްސަލައިގައި ފަނޑިޔާރުންނަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި
ފޯނު ނުދިން މައްސަލައިގައި ފަނޑިޔާރުންނަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ނުދިން މައްސަލައިގައި އެ ބޭފުޅުންނަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި އެ ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާކުރަނީ އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވިގެން އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު މައުމޫންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު މިއަދު ކޯޓަށް ހާޒިރު ނުކުރެވޭތީ އެމަނިކުފާނުގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.

އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ކަމަށްވިޔަސް މިއަދު އަޑުއެހުން ބޭއްވިއިރު އެ މައްސަލަ ބައްލަވަން އިންނެވީ ދާދިފަހުން ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ ހަސަން ނަޖީބެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް އެ މައްސަލާގައި ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމީ އެ ދައުވާ ބާތިލް ކުރަންޖެހޭ ކަމަށް ބުނެ އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅުމުންނެވެ. އެ ދެ ބޭފުޅުންގެ ފަރާތުން 11 ހުށަހެޅުމެއްް ހުށަހެޅިއިރު، ދައުވާ ބާތިލް ކުރަން ޖެހޭ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތަކަކާއި ދައުލަތުން ހުށަހެޅި ހެކިން ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމަކާއި ސިއްރު ހެކިންގެ ނަން އުނި ކުރުމަށް ފަހު ތަހުގީގު ބަޔާންތައް ދޭން ހުށަހެޅި ހުށަހެޅުމެއް ވެސް ހިމެނެ އެވެ.

އެ ހުށަހެޅުންތަކަށް ދައުލަތުން އިންކާރު ކުރި އެވެ. އެ ހުށަހެޅުންތަކަށް ބަލާއިރު ދައުވާ ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި ހެކި ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ހުށަހެޅުންތަކާ މެދު ގާޒީ ހަސަން ނަޖީބް ނިންމެވީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ހެކި ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ނިންމެވުމުގެ އިތުރުން ސިއްރު ހެކިންގެ ނަންތައް އުނިކުރުމަށް ފަހު ބަޔާންތައް ހޯދަން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ވެސް ގާޒީ ނަޖީބް ނިންމެވީ އެ ބަޔާންތައް ދޫކުރެވެން ނެތް ކަމަށެވެ.

ހުށަހެޅުންތަކާ މެދު ގާޒީ ނަޖީބް ގޮތެއް ނިންމެވި ފަހުން އުއްތަމަ ފަނޑިޔާރު ވަނީ ތެދުވެ ވަޑައިގެން، ވަރަށް ބޮޑަށް ކަމެއް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަން ފަށްޓަވައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ސަރަހައްދުތަކުގައި ފޯނު ނުގެންގުޅޭ ކަމަށް އެމަނިކުފާނު ތަހުގީގުގައި ވިދާޅުވުމުން، ސުޕްރީމް ކޯޓުގެ ހުރިހާ ސަރަހައްދެއްގައި ފޯނު ގެންގުޅޭ ކަން ސާބިތު ކުރަން ދައުލަތުން ސިއްރު ހެއްކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެމަނިކުފާނު ތަހުގީގުގައި ފާހަގަ ކުރެއްވި އެންމެ ކަމަކާ ބެހޭގޮތުން ހެކި ހުށަހަޅާފައިވާ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަން ފެށްޓެވުމުން ގާޒީ ނަޖީބް ވަނީ އެކަމާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ވިދާޅުވެ، އިށީނދެ ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރަށް އަންގަވައިފަ އެވެ. އެގޮތަށް ގާޒީ އެންގެވުމުން އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ހުއްޓަވާލައްވައި، އިށީނދެވަޑައިގަތެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅީ ދެ ހުށަހެޅުމެކެވެ. އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތަށް، ދައުލަތުގެ ހެކިވެރިން ސިއްރު ކުރުމުގެ އަމުރެއް ނެރެދިނުމަށާއި އަދި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ހެކި ހާމަވެއްޖެ ނަމަ ހެކިންނަށް ނުފޫޒު ފޯރުވައި ނުވަތަ ހެކި ނައްތާލުމުގެ ފުރުސަތު އޮތުމުންނެވެ.

ދައުލަތުގެ ހުށަހެޅުންތަކަށް ރައްދު ދޭން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން މަސައްކަތް ކުރެއްވިޔަސް، ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ރައްދު ދޭ ނަމަ، އަޑުއެހުން ބޭއްވުމުގެ ދެ ދުވަސް ކުރިން އެ ފަރާތުން ހުށަހަޅާ ރައްދެއް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ކަމަށެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ހުށަހަޅާ ރައްދުތައް ދެ ދުވަސް ކުރިން ހުށަހަޅާފައި ނެތް ކަމަށާއި އެހެންކަމުން ދައުލަތުގެ ހުށަހެޅުންތަކަށް ރައްދު ދޭން ފުރުސަތު ދޭން ނުޖެހޭނެ ކަމަށް ރީޝާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ ފަރާތުން ހުށަހަޅާ ރައްދު ލިޔުމުން ހުށަހަޅަން ފުރުސަތު ނުލިބުނަސް ރައްދު ދިނުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކުރިން ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ ނަޖީބް ވިދާޅުވީ ދައުލަތުގެ ހުށަހެޅުންތަކަށް ރައްދު ދިނުމުގެ ގޮތުން އެކަން ލިޔުމުން ކޯޓަށް ހުށަހަޅާފައިވަނީ މައުމޫންގެ ފަރާތްޕުޅުން އެކަނި ކަމަށެވެ. އެހެންވެ، ދައުލަތުގެ ހުށަހެޅުންތަކާ މެދު ވާހަކަ ދައްކަން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުންނަށް ފުރުސަތެއް ނުލިބުނެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ނަޖީބް އިއުލާން ކުރެއްވުމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ވަނީ އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނުކުތާއެއް ނަގައިފަ އެވެ.

ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަންނަން ޖެހޭނީ 30 ދުވަސް ފަހުން ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަ ކަމަށް ވިދާޅުވެ، ވަކީލުން އެދުނީ އެ މުއްދަތުގެ ފަހުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށެވެ. އެކަމަކު ގާޒީ ނިންމެވީ ހޯމަ ދުވަހު އަޑުއެހުން ބޭއްވުމަށެވެ.

މިއަދުގެ އަޑުއެހުން ފެށުމާ އެކު، އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވި ސަބަބާ މެދު ސުވާލު އުފައްދައިފަ އެވެ. ވަކީލް ނޫރުއްސަލާމް ވިދާޅުވީ ގާޒީ ބަދަލުވި ސަބަބުގެ ގޮތުގައި ކޯޓުން ވަކީލުންނަށް އަންގާފައިވާ ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ގާޒީ ބަދަލު ކުރެވޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޖަވާބުގައި ގާޒީ ނަޖީބް ވިދާޅުވީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.