09 މެއި 2018 - 20:43

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް އިއްވުމަށް މިރޭ ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެއްސި ޝަރީއަތަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ނޭވާ ހާސްވެގެން މިރޭ ކުއްލިއަކަށް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
އެކަން ކަށަވަރުކޮށްދެއްވަމުން އަލީ ހަމީދުގެ ވަކީލަކު ވިދާޅުވީ ކޯޓު ރޫމަށް ވަޑައިގަތުމުގެ ކުރިން ނޭވާ ހާސްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ފަރުވާދެމުން އަންނަ ކަމަށެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ހުކުމް އިއްވުން މިއަދު ހަވީރަށް ތާވަލް ކުރުމަށްފަހު މިރޭ 7 އަށް ވަނީ ލަސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ޝަރީއަތް 8 ޖެހިއިރު ވެސް ނުފަށަ އެވެ. ވަކީލު ވިދާޅުވީ މިރޭ 9:30 ޝަރީއަތް ލަސްކޮށްފައިވާ ކަމަށެވެ.
ޖަލަށް ހުކުމްކޮށްފައި ތިބި ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރަށް ފަހު، އިއުލާންކުރި ސްޓޭޓް އޮފް އިމަންޖެންސީގައި ހައްޔަރު ކުރި އަލީ ހަމީދު ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.