10 މެއި 2018 - 10:17

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ކްލަބް ވެމްކޯ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މާފަންނުން ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް ސީގައި މާފަންނު ކުޅުނު ފުރަތަމަ މެޗުން ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބް އަތުން މޮޅުވީ 3-1 އިންނެވެ. ދެ ވަނަ މެޗުގައި ރޭ މާޒިޔާގެ މައްޗަށް ވަނީ ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. މާފަންނު ކުޅުނު ދެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިޔާ އައިޝަތު މާޖިދާ އެވެ.
ގްރޫޕް އޭ ގައި ހަތަރު ޓީމު ވާދަކުރާއިރު، ވެމްކޯ ކުޅުނު ފުރަތަމަ މެޗުން ވަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ވެމްކޯ ކުޅުނު ދެ ވަނަ މެޗުން ވަނީ ރޭ ހުޅުމާލެ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އަތުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ކްލަބް ވެމްކޯގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުޅުނު ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ޖޫޒާން ޒަރީރް އެވެ.
ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު ވެމްކޯ ނުކުންނާނީ އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އައްޑޫ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހުޅުމާލެ އާއި މޯލްޑިވިއަން އަތުން ބަލިވެފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މޯލްޑިވިއަން މިއަދު ނުކުންނާނީ ހުޅުމާލެއާ ދެކޮޅަށެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕް ބީގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ޕޮލިސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނީ މިއަދު ކުޑަހެންވޭރާއި ޕޮލިސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މި ގްރޫޕުގައި ދެން އޮތް ޒެނިތު ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭނީ ތިން ގްރޫޕުގެ އެއް ވަނަ ޓީމެވެ. ލީގު އުސޫލުން މި ތިން ޓީމުގެ މެދުގައި ކުޅުމަށް ފަހު ފައިނަލަށްދާނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.