13 މެއި 2018 - 07:00

ފުރާވަރުގެ ކުދިން އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި، ލަންޑަނުގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުން މަނާކުރަން ނިންމައިފި އެވެ.

މިކަމަކީ ލަންޑަންގެ މޭޔަރު ސާދިގް ހާން މިދިޔަ އަހަރު އިއުލާން ކުރި ލަންޑަން ފުޑް ސްޓްރެޓެޖީގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
ސާދިގް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލަންޑަންގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރު ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަރަށް އަވަހަށް ރަސްމީކޮށް ނިންމާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ ފުރާވަރު ކުދިންނާއި ޒުވާނުންގެ ސިއްހަތަށްޓަކައި ނިންމާ ނިންމުމެކެވެ. އަދި މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.
"މި ނިންމުމުން މިހާރު އަހަރެމެން މިހާރު ނުނިންމައިފި އާބާދީގެ ވަރަށް ބޮޑު ޕަސެންޓޭކަށް ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތި ލާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. "މިއީ ފަސޭހަ ނިންމުމަކަށް ނުވިޔަސް، މިކަހަލަ ފިޔަވަޅުތަކެއް އަޅަން މިހާރު މަޖުބޫރުވާ ހާލަތުގައި އޮތީ. ސަރުކާރުން ބޭނުންވޭ އާންމުންގެ ސިއްހަތަށް ގެއްލުން ހުރި ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން."
ތަފާސް ހިސާބުތައް ދައްކާ ގޮތުން 8.788 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ އޮތް ލަންޑަނުގެ އުމުރުން 10-11 އަހަރާ ދެމެދު ކުދިންގެ 40 ޕަސަންޓަކީ އާދަޔާހިލާފަށް ފަލަ ކުދިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަންޑަނުގެ ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގައި މަގުބޫލު މެކްޑޮނަލްޑް ފަދަ ބްރޭންޑްތަކުގެ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ.
ފަލަވުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ ހަކުރު މިންވަރު މަތީ މިންވަރަކަށް އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަން ވެސް ނިންމައިފަ އެވެ.