ޔޫރިން އިންފެކްޝަނަށް ކްރޭންބެރީ ޖޫހަކުން ފައިދާއެއް ނެތް
ޔޫރިން އިންފެކްޝަނަށް ކްރޭންބެރީ ޖޫހަކުން ފައިދާއެއް ނެތް

ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ޔޫރިން އިންފެކްޝަން ޖެހުމުން ކްރޭންބެރީ ޖޫސް ބުއިމަކީ އެކަމަށް ފަރުވާ ހޯދަން އާންމުކޮށް ކުރާ ކަމެކެވެ. އެކަމަކު ފަހުގެ ބައެއް ދިރާސާތަކުގައި މިކަމާ މެދު ސުވާލު އުފައްދަ އެވެ.

އިނގިރޭސި ވިލާތުގެ ނެޝަނަލް އިންސްޓްޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް (ނައިސް) އިން ވެސް މިހާރު ބުނަނީ ގިނައިން ކްރޭންބެރީ ޖޫސް ބުއިމަކީ ޔޫރިން އިންފެކްޝަން ރަނގަޅުވާ ކަމެއް ނޫން ކަމަށެވެ. އެތަނުން ބުނީ ޔޫރިން އިންފެކްޝަނަށް ކްރޭންބެރީ ޖޫހަކީ ކޮންމެވެސް ވަރެއްގެ ފަރުވާއެއް ކަމަށް ބުނާ ދިރާސާތަކެއް ހުރި ނަމަވެސް އެ ދިރާސާތަކުގައި އެކަށީގެންވާ ހެކި ނެތް ކަމަށެވެ.

ނައިސް އިން ބުނީ ޔޫރިން އިންފެކްޝަން ޖެހުމުން ބޯންވީ ވަކިން ހާއްސަކޮށް ކްރޭންބެރީ ޖޫސް ނޫން ކަމަށާއި، ދިޔާ އެއްޗެހި ވީހާވެސް ގިނައިން ބުއިމުން ލުއިވާނެ ކަމަށެވެ. ދިޔާ އެއްޗެހި އަދި ސާފު ފެން ގިނައިން ބުއިމުން ޔޫރިން އިންފެކްޝަނަށް ލުއިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަލަށް ދިން ލަފާގައި ބުނީ ޔޫރިން އިންފެކްޝަން ޖެހުމުން ޑޮކްޓަރަށް ދައްކައި އެންޓިބަޔޮޓިކް ވެސް ބޭނުންކުރެވިދާނެ ކަމަށާއި އެކަމަކު މިއީ ކޮންމެ ފަހަރަކު ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހުނަސް ބޭނުންކުރަންވާނީ އެންމެ ކުޑަކޮށް، އެންމެ މަދު މިންވަރަކަށް ބޭނުންކުރެވޭ އެންޓިބަޔޮޓިކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫރިން އިންފެކްޝަން ޖެހެނީ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. އެކަމަކު އާދައިގެ އިންފެކްޝަނެއް ނަމަ ބޭހެއް ބޭނުން ނުކޮށް، ހަށިގަނޑުގެ ދިފާއީ ނިޒާމުން ވެސް ބެކްޓީރިއާއާ ދެކޮޅަށް ހަނގުރާމަކޮށް ބެކްޓީރިއާ ނައްތާލާނެ އެވެ.