26 މެއި 2016 - 06:25

މިދިޔަ މަހު ރިލީޒް ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ހިޓް ފިލްމް "ވާށޭ މަށާއެކީ" ސްރީ ލަންކާގައި އަޅުވަން ނިންމައިފި އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ލަންކާގައި ސިނަމާއެއް ހިންގާ މީހަކު، ދިވެހިންނަށް ހާއްސަކޮށްގެން އެ ގައުމުގައި ފިލްމް އަޅުވަން އެދިފައިވާތީ އެކަމާ ގުޅޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް ލަންކާގައި ފިލްމް އަޅުވާނީ ކޮން އިރަކު ކަމެއް އަދި ދައްކާނީ ކިތައް ޝޯ ކަމެއް މޮގާ ނުބުނެ އެވެ.
އޭޕްރީލް 5 ގައި "ވާށޭ މަށާއެކީ" ރިލީޒްކޮށް މާލޭގައި ހައުސްފުލް 19 ޝޯ ދައްކާފައިވާ އިރު، އަތޮޅުތެރޭން ވެސް ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
މޮގާ ބުނީ ބައެއް އަތޮޅުތަކުގައި މިހާރު ވެސް ފިލްމް ދައްކަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހދ. އާއި ހއ. އަތޮޅުގެ ރަށްތައް ހިމެނެ އެވެ.
"ވަރަށް ގިނަ ރަށްރަށުން އެބަ ރިކްއެސްޓް ކުރޭ ފިލްމް އަޅުވައި ދޭން އެދި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ގޮތުން އަޅުވަން ބޭނުންވާ ވަރަކަށް ކުރިއަކަށް ނުގެންދެވޭ،" މޮގާ ބުންޏެވެ. "އެކަމަކު އަންނަ މަހުގެ ތިނެކާ ހަމައަށް އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ފިލްމް ދައްކަމުން ގެންދާނެ."
އޭނާ ބުނީ މާލޭގައި ވެސް ފިލްމް އަޅުވަން އަދިވެސް ރެކްއަސްޓްތައް އަންނަ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ބޭނުންވާ ދުވަހަކަށް އޮލިމްޕަސް ލިބޭ ގޮތެއް ނުވޭ. އަދި ލިބުނަސް އެންމެ ރަނގަޅު ދަނޑިވަޅުގައި ނުލިބޭ ކަމަށް ވަންޏާ ފިލްމް ދައްކަން ދަތިވާނެ،" އަދިވެސް މާލޭގައި ފިލްމް އެޅުވުން އެކަށީގެންވާކަން ފާހަކޮށް މޮގާ ބުންޏެވެ. "ފިލްމް ރިލީޒް ކުރި އިރު ވެސް އޮލިމްޕަސް ބޭނުންވި މުއްދަތަކަށް ލިބޭ ގޮތް ނުވެގެން، ބޭނުންވި އަދަދަށް ޝޯތައް ނުވެސް ދެއްކުނު."
ހޮލީވުޑްގެ ފިލްމް "ނައިން މަންތުސް" އަސްލަކަށް ބަލައިގެން މަހުދީ އަހުމަދު ލއުނު ސްކްރީންޕްލޭއަކަށް ހެދި "ވާށޭ މަށާއެކީ" އަކީ ދިވެހި ފުރަތަމަ ރޮމޭންޓިކް ކޮމެޑީ އެވެ. ފިލްމަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި މި ފިލްމުގައި ލީޑް ރޯލް ކުޅުނީ ވިދަމުން އަންނަ ޒުވާން ދެ ތަރިން ކަމަަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.