މެސީ އާއި ރޮނާލްޑޯ އަކީ އެހެން ލެވެލެއް: ސަލާހު
މެސީ އާއި ރޮނާލްޑޯ އަކީ އެހެން ލެވެލެއް: ސަލާހު

ލިވަޕޫލް (މެއި 15) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މާ މަތީ ލެވެލެއްގެ ދެ ކުޅުންތެރިން ކަމަށް މި ސީޒަނުގައި ލިވަޕޫލަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ބުނެފި އެވެ.

ސަލާހު ވަނީ ސީޒަނުގެ މިހާތަނަށް 51 މެޗުން 44 ގޯލު ޖަހައިފަ އެވެ. އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހާސިލްކުރީ 32 ގޯލު ޖަހައިގެންނެވެ. އެއާ އެކު ސަލާހު ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. މިއީ 22 އަހަރު ވަންދެން އޮތް ރެކޯޑެކެވެ.

މި ސީޒަނުގައި ސަލާހު ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ މިހާރު ހުރީ މެސީ އާއި ރޮނާލްޑޯއާ އެއް ލެވެލެއްގައި ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މި ކަމުގައި ސަލާހުގެ ވިސްނުން ތަފާތެވެ.

"ރޮނާލްޑޯ އާއި މެސީ އަކީ އެހެން ލެވެލެއް. އެ ދެ ކުޅުންތެރިންނާ އަހަންނާ އަޅާކިޔަން ބޭނުމެއް ނޫން. އެއީ ރަނގަޅު ގޮތެއް ނޫން. އެ ދެ ކުޅުންތެރިން އެންމެ ޓޮޕް ލެވެލްގައި ކުޅޭތާ މިހާރު 10 ނޫނީ 11 އަހަރު މި ވަނީ. އެ މީހުން އެއް ފެންވަރެއްގައި ކުޅުން އެބަ ދަމަހައްޓާ. އަހަރެން އަދި މި ފެށީ." އުމުރުން 25 އަހަރުގެ ސަލާހު ބުންޏެވެ.

މި ސީޒަނުގައި ސަލާހާއި ލިވަޕޫލަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަނުގައި މިހާތަނަށް ގިނަ އެވޯޑްތަކެއް ހޯދާފައިވާ ސަލާހު ބުނީ މިހާރު އޭނާގެ ހުރިހާ ވެސް އަމާޒަކީ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާ އެކު ރަނގަޅު ހިސާބަކަށްދާން ބޭނުންވާ ކަމަށް ވެސް ސަލާހު ވަނީ ބުނެފަ އެވެ.