15 މެއި 2018 - 13:30

ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އަދި ދަސްވެނިވެފައިވާ ދަރިވަރުންނަށް އަމާޒުކޮށް، ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
އެއް އަހަރުގެ މުއްދަތަށް ކުރި އަށް ގެންދާ މި އިންޓާންޝިޕްގައި، ތަފާތު އެކި ދާއިރާތަކުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ދަސްވެނިވެފައިވާ ދަރިވަރުން ހިމެނެ އެވެ. އެ ދަރިވަރުން، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާނެ އެވެ.
އެ ބޭންކުން ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި އިންޓާންޝިޕް ޕްރޮގްރާމަށް 150 ދަރިވަރުން ކުރިމަތިލި އެވެ. އެ ޕްރޮގްރާމަށް ދަރިވަރުން ހޮވީ އިންޓަވިއު ކޮށްގެންނެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އުފެއްދުންތެރި ޒުވާނުންތަކެއް ބޭންކަށް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމުން އެންމެ ރަނގަޅު ދަރިވަރުންނަށް ވަޒީފާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ބޭންކުގެ މަސައްކަތްތައް ދަސްވެ ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓާންޝިޕް ޕްރޮގްރާމްގެ ދަރިވަރުންނަށް އެލަވަންސްގެ ގޮތުގައި 6000ރ. އަދި ރޯދަ ބޯނަސް ދޭނެ އެވެ. ޗުއްޓީގެ ގޮތުގައި 15 ދުވަހާއި އެމަޖެންސީ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 95 އޭޓީއެމް އާއި 5،000 ޕީއޯއެސް މާޗަންޓުން އަދި 277 ކޭޝް އޭޖެންޓުން އެ ބޭންކުން ގާއިމުކޮށްފައިވެ އެވެ.