ފުލުހުން ނަޖީބުގެ ގެ ބަލާ ފާސްކޮށްފި
ފުލުހުން ނަޖީބުގެ ގެ ބަލާ ފާސްކޮށްފި

ކުއާލަ ލަމްޕޫރު (މެއި 17) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ގެ ފުލުހުން ރޭ ބަލާ ފާސްކޮށްފި އެވެ.

މެލޭޝިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ ނަޖީބުގެ ގެ ކައިރީ ރޭ ހަރަކާތްތެރިވެފަ އެވެ. ނަޖީބުގެ ގެ ބަލާ ފާސްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

ރޭ އިޝާ ނަމާދަށް ފަހު ނަޖީބު ގެއަށް ވަޑައިގަތުމާ އެކު އޭނާއާ އެކު ގިނަ އަދަދެއްގެ ފުލުހުން ވަނީ ގެ އަށް ވަދެފައި ކަމަށް ނިއު ސްޓްރައިޓްސް ޓައިމްސް އިން ބުނެފައިވެ އެވެ.

ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވަނީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޖީބު ގައުމުން ބޭރަށް ދަތުރު ކުރެއްވުން މިހާރު ވަނީ މަނާކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ނަޖީބު ވަނީ ޗުއްޓީއެއްގައި ކަމަށް ވިދާޅުވެ ފުރަން މަސައްކަތް ކުރައްވައިފަ އެވެ.

ނަޖީބުގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނާ އެވެ. އެ ބޭންކުން ނަޖީބުގެ އެކައުންޓަށް 2015 ވަނަ އަހަރު ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަޖީބުގެ އެޓާނީ ޖެނެރަލް ވަނީ އެ މައްސަލަ ބެލުމަށް ފަހު އެއީ ސައުދީން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ. މަހާތިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އެޓާނީ ޖެނެރަލް އާއި އެންޓި-ކޮރަޕްޝަން އެޖެންސީގެ މެންބަރުން ބަދަލުކޮށްފަ އެވެ.

1އެމްޑީބީ އަކީ 2009 ވަނަ އަހަރު ނަޖީބު އުފެއްދެވި ބޭންކެކެވެ. ބޭނުމަކީ ކުއާލަ ލަމްޕޫރަކީ މާލީ ހަބަކަށް ހަދާ އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބުގެ ބަރިސަން ނޭސަނަލް ކޯލިޝަން ބަލިކޮށް ވެރިކަމަށް ވަޑައިގެންނެވި 92 އަހަރުގެ މަހާތިރު ވަނީ ދައުލަތުން ގެއްލުނު މިލިއަން ޑޮލަރުގެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.