ނަޖީބު ޖަލަށްދާން ޖެހޭނެ ކަމަށް ގަބޫލްކުރަން: އަންވަރު
ނަޖީބު ޖަލަށްދާން ޖެހޭނެ ކަމަށް ގަބޫލްކުރަން: އަންވަރު

ކުއާލަ ލަމްޕޫރު (މެއި 18) - މަލްޓި- ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލާގައި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ޖަލަށްދާން ޖެހޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށް ޖަލުން މިނިވަން ކުރި އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށް ފަހު އޭނާ އަނެއްކާ ވެސް ސިޔާސީ ދާއިރާ އިން ފެންނާނެ ކަމަށެވެ.

"ޕާލަމެންޓް މެންބަރެއްގެ ގޮތުގައި އަޅުގަނޑު ވަރަށް އަވަހަށް ފެންނާނެ،" އަންވަރު ވިދާޅުވި އެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބުގެ ކޯލިޝަން ބަލިކުރުމަށް ފަހު ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވެރިކަމަށް ވަޑައިގަތުމަކީ އަންވަރު މިނިވަންވުމުގެ ސަބަބެވެ.

އަންވަރު ވިދާޅުވީ އޭނާ މިނިވަންވުމުން ޖަލުން ހުސްވި ޖާގަ އަށް ނަޖީބު ދާން ޖެހޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"ނަޖީބުގެ މައްސަލަ ބެލޭނެ. އޭނާގެ މައްޗަށް ދައުވާ ވެސް ކުރެވޭނެ،" އަންވަރު، 70، ވިދާޅުވި އެވެ. "ނަޖީބަށް ދެން ވަރަށް އުނދަގޫވާނެ ސަލާމަތްވާން."

މެލޭޝިއާ ފުލުހުން ބުދަ ދުވަހުގެ ރޭ ވަނީ ނަޖީބުގެ ގޭ ބަލާ ފާސްކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފޮށިތަކެއް ވަނީ ހިފަހައްޓައިފަ އެވެ.

އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ އެކައުންޓަށް 2015 ވަނަ އަހަރު ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަޖީބުގެ އެޓާނީ ޖެނެރަލް ވަނީ އެ މައްސަލަ ބެލުމަށް ފަހު އެއީ ސައުދީން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ.

މަހާތިރު ވަނީ ދައުލަތުން ގެއްލުނު މިލިއަން ޑޮލަރުގެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަޖީބާއި އޭނާގެ އާއިލާ މެލޭޝިއާ އިން ފުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.