19 މެއި 2018 - 08:33

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން، ކުރިއަށް އޮތް ހަފުތާ ތެރޭގައި މިއުޒިކް ސްޓްރީމް ހިދުމަތް ދޭން ނިންމާފައިިވާ ކަމަށް ބުނެފި އެވެ.

ޔޫޓިއުނުން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި އަމާޒަކީ މިއުޒިކް ސްޓްރީމިން ސާވިސްދޭ އެހެން ކުންފުނިތަކާ އެއް ހަމައެއްގައި ވާދަ ކުރުމެވެ. މިހާރު މިއުޒިކް ސްޓްރީމުން ހިދުމަތް ދޭ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ސްޕޮޓިފައި، އެޕަލް މިއުޒިކް، އެމެޒޯން މިއުޒިކް އަދި ޕެންޑޯރާ ހިމެނެ އެވެ.
މީގެ ތިން އަހަރު ކުރިން ލޯންޗް ކުރި އެެޕަލް މިއުޒިކުން މިދިޔަ ހަފުތާގައި އިއުލާން ކުރި ގޮތުގައި އެ ކުންފުނީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު ވަނީ 50 މިލިއަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މިއުޒިކް ސްޓްރީމިން ވިޔަފާރީގެ ތެރޭގައި މިހާރު އެންމެ ކުރީގައި އޮތީ 2008 ގައި ތައާރަފު ކުރި ސްޕޮޓިފައި އެވެ. އެ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 170 މިލިއަނަށް އަރާ އިރު، ކުންފުނީގެ އާމްދަނީ 75 މިލިއަން ޑޮލަރަށް އަރަ އެވެ.
ޔޫޓިއުބުން ބުނި ގޮތުގައި އެ ކުންފުނިން މިއުޒިކް ސްޓްރީމިން ހިދުމަތް ފަށާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ހިދުމަތަށް މަހަކު ހަރަދު ކުރަން ޖެހޭނީ 9.99 ޑޮލަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، މިއުޒިކް ސްޓްރީމިން ސާވިސްގެ ކުރި އެ ކުންފުން ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ޔޫޓިއުބުން ބުނި ގޮތުގައި ސްޓްރީމިން ސާވިސްއާ އެކު ޔޫޓިއުބް ރެޑްގެ ބަދަލުގައި ޔޫޓިއުބް ޕްރިމިއަމް ވެސް ތައާރަފު ކުރަން ވަނީ ނިންމައިފަ އެވެ.
ޔޫޓިއުބް ޕްރިމިއަމަށް ޗާޖް ކުރާނީ މަހަކު 11.99 ޑޮލަރެވެ.