ނަޕޯލީގެ ކޯޗުގެ މަގާމަށް އަންޗެލޮޓީ؟
ނަޕޯލީގެ ކޯޗުގެ މަގާމަށް އަންޗެލޮޓީ؟

ރޯމް (މޭ 23) – އިޓާލިއަން ލީގުގެ ނަޕޯލީގެ ކޯޗުކަމާ ހަވާލުވާން ކާލޯ އަންޗެލޮޓީ ތައްޔާރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަޔާން މިއުނިކުގެ ކޯޗުކަމުން ސެޕްޓެމްބަރު މަހު ވަކިކުރުމުން ވަޒީފާއެއް ނެތި ހުރި އަންޗެލޮޓީއާ އެކު ނަޕޯލީގެ ރައީސް އޯރެލިއޯ ޑި ލޯރެންޓިސްއާ އެކު ރޭ މަޝްވަރާތައް ބާއްވާފައިވާ ކަމަށްވެ އެވެ. އަދި ނަޕޯލީއާ ހަވާލުވުމަށް އަންޗެލޮޓީ އަނގަބަހުން އެއްބަސްވެފައިވާ ކަމަށްވެ އެވެ.

ނަޕޯލީން އާ ކޯޗަކާ އެކު މަޝްވަރާ މިކުރީ އެ ޓީމުގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީއާ ޑި ލޯރެންޓިސްގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އަޑުއަރާފައިވަނިކޮށެވެ. ފަހުން ދެ ފަރާތުން ވާހަކަ ދެއްކި ނަމަވެސް، ބެލެވޭ ގޮތުގައި އަންޗެލޮޓީއާ އެކު ޑި ލޯރެންޓިސް މި މަޝްވަރާކުރީ ސާރީ ބެހެއްޓުމުގެ ހިޔާލު ދޫކޮށްލައިފަ އެވެ. އަދި އަންޗެލޮޓީ ކޮންޓްރެކްޓުގައި ސޮއިކުރުމާ އެކު ސާރީ މަގާމުން ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިމުނު ސީޒަނުގެ ލީގު ޗެމްޕިއަންކަމަށް ޔުވެންޓަސްއާ އެންމެ ގާތުން ވާދަކުރި ނަޕޯލީގެ ކޯޗު ސާރީ ގެންދަން އިންގްލެންޑުގެ ޗެލްސީ އާއި ރަޝިއާގެ ޒެނިތުން މަސައްކަތްކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ފަހަރުގައި އޭނާ އެއް އަހަރުގެ ޗުއްޓީއެއް ވެސް ނަގައިފާނެ ކަމަށްވެ އެވެ.

ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް، ޕީއެސްޖީ އަދި ބަޔާން މިއުނިކުގެ ކުރީގެ ކޯޗު އަންޗެލޮޓީ ވަނީ އިޓާލިއަން ލީގާއި ޕްރިމިއާ ލީގާއި ފްރާންސް ލީގާއި ޖަރުމަން ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގު، މިލާނާ އެކު ދެ ފަހަރު އަދި މެޑްރިޑާ އެކު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުކަން ވެސް އަންޗެލޮޓީ އަށް ދާދި ފަހުން ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އޭނާ ބޭނުންވީ ކްލަބް ފުޓްބޯޅައިގައި ދެމި ހުރުމަށެވެ.