23 މެއި 2018 - 14:52

ވޮޝިންޓަން (މެއި 23) - ރައީސް ޑޮނަލްޑް ޓްރަމްޕާ ނުކުޅުމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް އިންޒާރު ދެއްވައިފި އެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޕެންސް ވިދާޅުވީ ޓްރަމްޕާ ކުޅެން އުޅުމަކީ ކިމް އަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ދެއްކެވި ވާހަކަތަކާ ގުޅިގެން ނޯތު ކޮރެއާ އިން ވަނީ ކިމްއާ އެކު އަންނަ މަހު ބާއްވާ ސަމިޓް ކެންސަލް ކޮށްފާނެ ކަމަށް ބުނެފަ އެވެ. ބޯލްޓަން ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން ބޭނުން ވަނީ ލީބިއާގެ މޮޑެލް އަށް ކަމަށެވެ. ބޯލްޓަން އެ އިޝާރާތް ކުރެއްވީ ލީބިއާ އިން 2003 ވަނަ އަހަރު ނިއުކްލިއާ ހަތިޔާރު ނައްތާލާފައި ވަނިކޮށް، ފަހުން ހުޅަނގުގެ މަދަދު ލިބޭ ހަނގުރާމަވެރިން ލީބިއާ އަށް އަތްގަދަކޮށް އެންމެ ފަހުން އެ ގައުމުގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލުމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އިއްޔެ ވަނީ ކުރިން ކަނޑައެޅި ތާރީޚުގައި ސަމިޓް ނުބޭއްވިދާނެ ކަމަށް ވިދާޅުވެފަ އެވެ. ސަމިޓުގެ ކުރިން ނޯތު ކޮރެއާ އިން ވެސް ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.
ޕެންސް ވިދާޅުވީ ކިމްއާ އެކު ބާއްވާ ސަމިޓުން ޕަބްލިކް ރިލޭޝަންސް ސްޓަންޓެއް ޖައްސަން ބޭނުން ނުވާ ކަމަށާއި ޓްރަމްޕް ބޭނުން ވަނީ ސުލްހަ ކަމަށެވެ.