25 މެއި 2018 - 09:47

ދަބަސް ތެރޭ ގިނަ ވާކޮޅުތައް ގެންގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ފޯނު ޗާޖަރާއި ޕަވަ ބޭންކް ވާކޮޅާއި ޑާޓާ ޓްރާންސްފަކުރާ ވާކޮޅު ވެސް ވަކިން ގެންގުޅުމަކީ މުޅި ދަބަސްތެރޭ ވާތައް އޮޅި، މަސްހުނިވެ، އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވެވި ހިނގައިދާނެ ކަމެކެވެ.
ވާތަކުގެ ހައްލަކަށް ފެނުނު އެންމެ ކަމުދާ އެއްޗަކީ އެއް ދޮނުގައި ތިން ބުޅި ޖަހައިދޭ އިންފިނިޓީ ކޭބަލްއެވެ.
މައިކްރޯ ޔޫއެސްބީ އާއި ޔޫއެސްބީ ސީ އާއި ޑާޓާ ކޭބަލް އެއް ވާކޮޅެއްގައި ހިމެނޭ އިންފިނިޓީ ވާކޮޅަކީ ތަޅުދަނޑިފުލުގައި ފަސޭހައިން އަޅުވާލެވޭ ވާކޮޅެކެވެ. ބޭނުމިއްޔާ ޖީބުގައި ރައްކާކުރަންވީއެވެ. ނޫން ނަމަ އަތްދަބަހުގެ އަރިމަތީ ކުޑަ ޖީބަކަށް ވެސް ލެވިދާނެއެވެ.
ކޮމްޕިޔުޓަރުގެ ޔޫއެސްބީ ޕޯޓަކުން ވިޔަސް ނުވަތަ އެހެން ޔޫއެސްބީ ސޮކެޓަކުން ވެސް އިންފިނިޓީ ކޭބަލްގެ އެހީގައި ބާރު ދުވެލީގައި ފޯނު ޗާޖުކޮށްދެއެވެ. އާންމުކޮށް ޗާޖުކުރެވޭ ވަރަށް ވުރެ މާ އަވަހަށެވެ. އަދި މި އިންފިނިޓީ ކޭބަލް ބޭނުންކޮށްގެން ދެ އާލާތެއްގެ ދެމެދުގައި މައުލޫމާތު ބަދަލުކުރާއިރު ވެސް ނުސީދާކޮށް ވަންނަ ވައިރަސްތަކަށާއި ބޭކާރު މައުލޫމާތުތަކުން ރައްކާތެރިކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޓަޑް ޗާޖިންގެ އެހީ މި ކޭބަލްގައި ލިބެން ހުރެއެވެ.
އިންފިނިޓީ ކޭބަލް ފަރުމާކޮށްފައިވަނީ މެދުކެނޑުމެއް ނެތި ސްމާޓްފޯނު ގެންގުޅެންޖެހޭ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ.