ޓައިޕްރައިޓަރު އެނބުރި އަންނަނީ
ޓައިޕްރައިޓަރު އެނބުރި އަންނަނީ

މިހާރު ޓައިޕްކުރުމަކީ އަތުން ލިޔުމަށްވުރެ ގިނަ މީހުންނަށް ފަރިތަކަމެކެވެ. ޖަލްސާތަކާއި ބައްދަލުވުންތަކުގައި ކަރުދާހުގައި ގަލަމުން ނަކަލުކުރުމުގެ ބަދަލުގައި ގިނަ މީހުން ފަރިތައީ ޓައިޕްކުރާށެވެ.

އެކަމަކު އިހުގެ ބޮޑު ޓައިޕްރައިޓަރެއް ނަގައި، މޭޒުމަތީ ބަހައްޓަން ކެރޭނީ ކާކަށްހެއްޔެވެ؟ މި ސަބަބާހުރެ 2008 ވަނަ އަހަރުން ފެށިގެން ޖަޕާނުގައި އަންނަނީ ކުދިކުދި ޓައިޕްރައިޓަރު ބޭނުންކުރަމުންނެވެ. މީގެ ނަމަކީ ޕޮމޭރާއެވެ. ޕޮމޭރާ އުފެއްދުމުގެ މައިގަނޑު ބޭނުމަކަށްވީ ބައްދަލުވުންތަކުގައި ބައިވެރިވާ މީހުންނަށް ފަސޭހައިން ނަކަލުކުރެވޭނެ އާލާތެއް ހޯދައިދިނުމާއި ކޮމްޕިޔުޓަރުން އެކި ވެބްސައިޓްތަކަށް ވަދެ، ބޭކާރުވާ ވަގުތުތައް ސަލާމަތްކޮށްދިނުމެވެ. އެވެރިން މިހާރު މަސައްކަތްކުރަނީ މީގެ ޓައިޕްރައިޓަރު، އިނގިރޭސިން ލިޔާ މީހުންނަށް އަމާޒުކޮށް އަލުން ނެރޭށެވެ.

ޕޮމޭރާ ފަރުމާކޮށްފައިވަނީ ނޯޓްޕެޑް ނުވަތަ އައިޕެޑަކާ އެއްވަރުގެ ސްކްރީނެއްގެ ފުލުގައި ހެޔޮވަރު ވަރެއްގެ ކީބޯޑެއް ހިމަނައިގެންނެވެ. މި ކީބޯޑު އޮންނަނީ މަސައްކަތް ނިމުނީމާ ފައްޖަހާލެވޭ ގޮތަށެވެ. ސްކްރީންގެ ބުޑުން ދެފަރާތުން ކީބޯޑު އެތެރެއަށް މަޅާލުމަށް ފަހު ސްކްރީން ލައްޕާލުމުން ނިމުނީއެވެ. ޖީބަށް ވެސް ދަބަހަށް ވެސް ލެވޭނެއެވެ.

ޕޮމޭރާ އަކީ ހަމައެކަނި ޓައިޕްކުރަން ބޭނުންކުރާ "ނޯޓުޕެޑެ"ކެވެ. ޖަޕާނުގައި ވާހަކަ ލިޔާ މީހުން ވާހަކަ ޓައިޕްކުރަން ވެސް ބޭނުންކުރަނީ ޕޮމޭރާ ޓައިޕްރައިޓަރެވެ.