01 ޖޫން 2018 - 00:00

މިއީ ޕެނަމާ ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތްތަކުގައި ޕެނަމާ އަކީ ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ގޯލް ކަޕް 2005 އަދި 2013 ގައި ހޯދައިފަ އެވެ. އަދި 2015 ގައި ތިން ވަނަ ހޯދިއިރު، އެންމެ ފަހުން އޮތް މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރި އެވެ.
ޕެނަމާ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ފަސް ވަނަ ބުރުގެ ތިން ވަނަ މަގާމު ހޯދައިގެންނެވެ. އެ ހިސާބަށް ދިޔައީ އެ ސަރަހައްދުގެ ވަރުގަދަ ބާރެއް ކަމަށް ވާ އެމެރިކާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޕެނަމާ އަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވީ ކޮލިފައިންގެ ފަހު މެޗުގައި ކޮސްޓަ ރީކާ އަތުން 2-1 އިން ފަހު ވަގުތު މޮޅުވެގެންނެވެ. މިއީ ޕެނަމާގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީ އެ ގައުމުގައި ވަނީ ގައުމީ ސިފައެއްގައި ފާހަގަކޮށްފަ އެވެ.
ޕެނަމާގެ ކޯޗު ހެރްނާން ޑާރިއޯ ގޯމޭސް ޔަރަމީލޯ އަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ރަނގަޅު ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. ކޮލަމްބިއާ އަށް ނިސްބަތްވާ ހެރްނާންގެ ކޯޗިން ކެރިއަރު ފެށީ 1991 ވަނަ އަހަރެވެ. އޭނާ ވަނީ 1995 ގައި ކޮލަމްބިއާގެ ގައުމީ ޓީމާ ހަވާލުވެ، 1998ގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކޮލަމްބިއާ އަށް އިރުޝާދު ދިނީ ހެރްނާން އެވެ. އަދި 1999 ގައި އިކުއެޑޯގެ ޓީމާ ހަވާލުވެ، 2002ގެ ވޯލްޑް ކަޕުން އެ ގައުމަށް ވެސް ޖާގައެއް ހޯދައިދިނެވެ. ޕެނަމާގެ ގައުމީ ޓީމާ އޭނާ ހަވާލުވީ 2014 ގަ އެެވެ. ހެރްނާން އަކީ ވޯލްޑް ކަޕްގައި ތަފާތު ތިން ގައުމަކަށް ކޯޗުކޮށްދިން ހަމައެކަނި ކޯޗެވެ.
ލުއިސް ޓެޔާޑާ: ޓެޔާޑާ އަކީ ޕެނަމާ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް 19 ކްލަބަށް ކުޅެފައިވެ އެވެ. އެގޮތުން ދެކުނު އެމެރިކާ، އުތުރު އެމެރިކާ އަދި އޭޝިއާގައި ވެސް އޭނާ ކުޅުނެވެ. އުމުރުން 35 އަހަރުގެ ފޯވަޑް މިހާރު ކުޅެނީ ޕެރޫގެ ފުރަތަމަ ޑިވިޝަންގަ އެވެ. ޓެޔާޑާ ގައުމީ ޓީމަށް ވެސް ކުޅެން ފެށީ 2001 ވަނަ އަހަރެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، 40 އަށް ވުރެ ގިނަ ލަނޑު ޖަހައިފައިވެ އެވެ. ޓެޔާޑާ އަކީ ޕެނަމާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ލޫކަސް ބަލޯއީ: ޕެނަމާގެ ކެޕްޓަން ބަލޯއީ އަކީ ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ކްލަބުތަކުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އުމުރުން 36 އަހަރުގެ ބަލޯއީ އަކީ ޕެނެމާގެ ޓީމުގެ ޑިފެންސް ލައިންގެ މައި ތަނބެވެ. ވޯލްޑް ކަޕަށް ޕެނަމާ ކޮލިފައިކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
ޕެނަމާ ހިމެނޭ ގުރޫޕް ޖީގެ ފޭވަރިޓުންނަކީ ބެލްޖިއަމް އާއި އިންގްލެންޑެވެ. ދެން މި ގުރޫޕްގައި އޮތީ ޓިއުނީޝިއާ އެވެ. ޕެނަމާ އަށް މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ލިބިދާނެ ކަމަށް ތަޖުރިބާކާރުން ލަފައެއް ނުކުރެ އެވެ. ގުރޫޕްގައި އޮތް އިންގްލެންޑާއި ބެލްޖިއަމް އަކީ ތަޖުރިބާ އާއި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މާ މަތީ ފެންވަރުގެ ދެ ޓީމެވެ. އަދި ޓިއުނީޝިއާ އަކީ ވެސް ތަޖުރިބާގެ ގޮތުން ޕެނަމާ އަށްވުރެ ކުރީގައި އޮތް ގައުމެކެވެ.