29 މެއި 2018 - 11:18

ޕެރިސް (މެއި 29) - ފްރާންސްގެ ވެރިރަށް ޕެރިހުގެ އުތުރުގެ ސަރަހައްދެއްގެ އިމާރާތެއްގެ ހަތަރު ވަނަ ބުރީގެ ބެލްކަނީގައި އެލިގެން އޮތް ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތްކުރި މާލީ މީހާ އަށް ފްރާންސްގެ ރައްވެހިކަން ދިނުމަށް ރައީސް އެމަނުއެލް މެކްރޮން ނިންމަވައިފި އެވެ.

މާލީން މިދިޔަ އަހަރު ފްރާންސަށް ހިޖުރަކުރި އުމުރުން 22 އަހަރުގެ މަމޫދޯ ގައްސާމާ އިމާރާތުގެ އެއް ބެލްކަނީން އަނެއް ބެލްކަނީން މައްޗަށް އަރައި އެ ކުއްޖާ ސަލާމަތް ކުރުމުން ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ގައްސާމާއާ ރިޔާސީ ގަނޑުވަރުގައި ބައްދަލުކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ގައްސާމާ އަށް ވަނީ ހިތްވަރުގެ މެޑަލް ދީފަ އެވެ. މެކްރޮން ވިދާޅުވީ ގައްސާމާ އަށް ފްރާންސްގެ ރައްވެހިކަން ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޕެރިހުގެ ފަޔާ ބްރިގޭޑުން އޭނާ އަށް ވަޒީފާ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފްރާންސްގެ ރައީސް އަރިހު ގައްސާމާ ބުނީ ކުޑަ ކުއްޖާ ބެލްކަނީގައި އެލިގެން އޮތް މަންޒަރު ފެނުމާ އެކު އިތުރު ކަމަކާ ނުވިސްނާ ކުއްޖާ ސަލާމަތް ކުރަން އޭނާ މައްޗަށް އެރީ ކަމަށެވެ.
"އަޅުގަނޑު މައްޗަށް އަރަމުން ދިޔަ ވަރަކަށް ހިތްވަރު ލިބެމުން ދިޔައީ،" ގައްސާމާ ބުންޏެވެ.
ގައްސާމާ ފްރާންސަށް ދިޔައީ މެޑިޓެރޭނިއަން ހުރަސްކޮށް ޔޫރަަޕަށް ދާ ރެފިއުޖީންގެ ތެރޭގައި ހިމެނިގެން، މިދިޔަ އަހަރު އެވެ.
ޕެރިހުގެ ފަޔާ ސާވިސް އިން އެ ސަރަހައްދަށް ދިޔަ އިރު ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ.
"ޖިސްމާނީ ގޮތުން ފިޓް އަދި ހިތްވަރުގަދަ މީހަކު ވަނީ އެ ކުއްޖާ ސަލާމަތްކޮށްފައި،" ފަޔާ ސާވިސްގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޕެރިހުގެ މޭޔަރު އޭން ހިޑަލްގޯ ވެސް ވަނީ ގައްސާމާގެ ހިތްވަރަށް ތައުރީފް ކުރައްވައިފަ އެވެ. އަދި މޭޔަރު ވަނީ ގައްސާމާ އަށް ގުޅާ ޝުކުރު އަދާކޮށްފަ އެވެ. މޭޔަރު، ގައްސާމާ ސިފަކޮށްފައި ވަނީ "ސްޕައިޑާ މޭން"ގެ ގޮތުގަ އެވެ.
ފްރާންސްގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ކުއްޖާ ބެލްކަންޏަށް ނުކުމެގެން އުޅުނު އިރު ކުއްޖާގެ ބެލެނިވެރިން ގޭގައި ނޫޅެ އެވެ. ކުޑަ ކުއްޖާ އެކަނި ގެއަށް ދޫކޮށްލާފައި ދިޔުމުން އެ ކުއްޖާގެ ބައްޕައާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.