ނިޕާ ވައިރަސްއާ ގުޅިގެން ކެރަލާގެ މޭވާ އާއި ތަރުކާރީ ޔޫއޭއީ އަށް އެތެރެ ކުރުން މަނާކޮށްފި
ނިޕާ ވައިރަސްއާ ގުޅިގެން ކެރަލާގެ މޭވާ އާއި ތަރުކާރީ ޔޫއޭއީ އަށް އެތެރެ ކުރުން މަނާކޮށްފި

އަބޫ ދާބީ (މެއި 30) - ނިޕާ ވައިރަސް ފެތުރެމުންދާތީ އިންޑިއާގެ ކެރަލާ ސްޓޭޓުގެ މޭވާ އާއި ތަރުކާރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެތެރެ ކުރުން މަނާކޮށްފި އެވެ.

ފަރުވާއެއް އަދި ހޯދިފައި ނުވާ ނިޕާ ވައިރަސް ޖެހިގެން އިންޑިއާ އިން ވަނީ 13 މީހުން މަރުވެފަ އެވެ.

ޔޫއޭއީގެ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ކެރެލާގެ ތާޒާ މޭވާ އާއި ތަރުކާރީގެ އެއްވެސް ބާވަތެއް ޔޫއޭއީ އަށް އެތެރެ ކުރުން ހުއްޓުވަން ފިޔަވަޅު އެޅުމަށް އަބޫ ދާބީ ފުޑް ކޮންޓްރޯލް އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މިނިސްޓްރީން ބުނީ ވާ ކައިފާނެ ކަމަށް ބެލެވޭ މޭވާގެ ބާވަތްތައް ކަމަށްވާ އަނބާއި ކަދުރު އަދި ދޮންކެޔޮ ޔޫއޭއީ އަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށެވެ.

ކެރަލާގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓުން މިދިޔަ ހަފުތާގައި ވަނީ ކެރަލާ އަށް ދަތުރު ކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ނިޕާ ވައިރަސް އަށް ޝައްކު ކުރެވޭ 116 މީހެއްގެ ސާމްޕަލް ކެރަލާ އިން ވަނީ ދާދި ފަހުން ޓެސްޓް ކޮށްފަ އެވެ. އޭގެ ތެރޭން 15 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ކެރަލާ ނޫން އިންޑިއާގެ އެހެން ހިސާބަކުން ނިޕާ އަދި ފެނިފައެއް ނުވެ އެވެ.