02 ޖޫން 2018 - 08:39

އެނިމޭޓެޑް ފިލްމް "އެލީސް އިން ވޮންޑަ ލޭންޑް" އާއި "ޕީޓާ ޕޭން" ގައި އުޅޭ ކެރެކްޓާތައް މަސްހުނިކޮށްގެން ލައިގެން ގެނެސް ދޭން ނިންމާފައިވާ ލައިވް-އެކްޝަން ފިލްމް "ކަމް އަވޭ" އެންޖެލީނާ ޖޮލީ އާއި ޑޭވިޑް އޮޔެލޯވޯ އަށް ހުށަހަޅައިފި އެވެ.

ނަމަވެސް އެ ދަ ތަރިން އަދި ފިލްމަށް ރަސްމީކޮށް އެެއްބަސްވި ކަމެއް ކަށަވަރެއް ނުވެ އެވެ. ޖޮލީ މިހާރު އަންނަނީ 2014 ގައި ރިލީޒް ކުރި ޑިޒްނީގެ "މެލަފިޝަންޓް" ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2015 ގައި ޑައިރެކްޓްކޮށް، ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އެކު ކުޅުނު "ބައި ދަ ސީ" އިންނެވެ.
ޑޭވިޑްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ބިރުވެރި ފިލްމް "އޮންލީ ޔޫ" އާއި ސައިންސް ފިކްޝަން ފިލްމް "ކެއޯސް ވޯލްކިން" ހިމެނެ އެވެ.
"ކަމް އަވޭ" އަށް ޖޮލީ އާއި ޑޭވިޑް އެއްބަސްވެއްޖެ ނަމަ، ދެ ތަރިން ފިލްމުގައި ފެނިގެން ދާނީ ދެމަފިރިންގެ ގޮތުގަ އެވެ.
މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ 2012 ގައި ރިލީޒް ކުރި ޕިކްޒާގެ އެނިމޭޓެޑް ފިލްމް "ބްރޭވް" ގެ ޑައިރެކްޓަރު ބްރެންޑާ ޗެޕްމަން އެވެ. އޭނާ 1998 ގައި ޑައިރެކްޓް ކުރި އެނިމޭޓެޑް ފިލްމް "ޕްރިންސް އޮފް އިޖިޕްޓް" އަށް ވަނީ އެންމެ މޮޅު އެނިމޭޓެޑް ފިލްމްގެ އޮސްކާ ވެސް ލިބިފަ އެވެ.
"ކަމް އަވޭ" ބްރެންޑާ ޑައިރެކްޓް ކުރާ އިރު، މީގެ ސްކްރީންޕްލޭގައި ވެސް އޭނާ ހިއްސާވެ އެވެ. ސްކްރީންޕްލޭގައި އޭނާއެކު ބައިވެރި ވަނީ މެރީޒާ ކޭޓް ގުޑްހިލް އެވެ.
ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ "ކަމް އަވޭ" ޝޫޓް ކުރާނީ ލަންޑާއި ލޮސް އެންޖެލިސްގަ އެވެ. ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.