31 މެއި 2018 - 20:41

ދެ ފުށް ފެންނަ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށް މަގު ފަހިކޮށްދިނުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އީޔޫން ނެރުނު ބަޔާނުގައި ބުނީ، ފްރާންސާއި ޖަރުމަނާއި އިޓަލީ، ނެދަލޭންޑްސް، ރޮމޭނިއާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން، ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ގާނޫނާއި ގަވާއިދުތަކަށް ބޯ ލެނބުމަކީ ފުރިހަމަވެފައިވާ ޑިމޮކްރަސީގައި އޮންނަންޖެހޭ ކަމެއް ކަމަށާއި އެއްވުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ ހައްގުތަކެއް ކަމަށް ވެސް ބުންޏެވެ.
"ދެ ފުށް ފެންނަ އިންތިހާބެއް ބޭވުމަށް މަގު ފަހިކޮށްދިނުމަށް ހުރިހާ އިދާރާތަކަށް ގޮވާލަން. ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބާ ގުޅިގެން ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން ދާނަން،" އީޔޫގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ހާލަތާ ގުޅިގެން އީޔޫން ކަންބޮޑުވުން ފާޅުކުރިއިރު، އެމްޑީޕީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ. އެ ޕްރައިމަރީ ހުއްޓުވަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެދުމަށް ކޯޓު އަމުރެއް ނެރުމުން ވެސް އެމްޑީޕީން ވަނީ ވޯޓުލުން ބާއްވައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި ބޭއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އީސީން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. .