ޝިލްޕާ ޝެޓީ އަލުން ބޮޑު ސްކްރީނަށް އަންނަން ބޭނުން
ޝިލްޕާ ޝެޓީ އަލުން ބޮޑު ސްކްރީނަށް އަންނަން ބޭނުން

ފިލްމްތަކުން ވަރަށް ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ބޮޑު ސްކްރީނަށް އެނބުރި އަންނަން ވެސް ބޭނުންވާ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ފިލްމް "ބާޒީގަރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2007 ގެ "އަޕްނޭ" އެވެ. އެކަމަކު ޝިލްޕާ ކުޅުނު ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ގަޔާވި އަދި އެންމެ ހަނދާން ހުންނަ ފިލްމަކީ 2000 ވަނަ އަހަރު ރިލީޒް ކުރި "ދަޅްކަން" އެވެ.

ފިލްމެއްގެ މުހިއްމު ރޯލަކުން ޝިލްޕާ، 43، ނުފެނުނު ނަމަވެސް 2014 ގައި އޭނާ އާއި ފިރިމީހާ ރާޖް ކުންދްރާ ޕްރޮޑިއުސް ކުރި "ޑިޝްކިޔާއޫ" ގެ "ތޫ މޭރޭ ޓައިޕް ކާ ނެހީ ހޭ" ލަވައިން ޝިލްޕާ ފެނިފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ފިލްމްތަކުން ފުރުސަތުތައް ލިބުނަސް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓަކާ ދިމައެއް ނުވެ އެވެ.

"އޮފާތައް އާދޭ. އެކަމަކު ސްކްރިޕްޓްތައް ކިޔައިލާ އިރު، އަހަރެން ކުރިން ކުޅެފައިވާ ކަހަލަ ރޯލަކާ ވައްތަރު ރޯލެއް މި ލިބެނީ. އެހެންވެ އެހާ ގަޔައެއް ނުވޭ ކުޅެފައި ހުރި ކަހަލަ ރޯލްތަކެއް އަލުން ކުޅޭކަށް،" މިހާރު 6 އަހަރު ދަރިއަކު ވެސް ހުރި ޝިލްޕާ ބުންޏެވެ.

އޭނާ ބުނީ އަލުން ސްކްރީނަށް އަންނަން ބޭނުން ވަނީ ދަރިފުޅަށް ވެސް ބަލައިލެވޭ ކަހަލަ މަޖާ ފިލްމަކުން ކަމަށެވެ.

"ޑްރާމާއަކަށް ވުރެ ބޮޑަށް ކޮމެޑީ ފިލްމެއް ކުޅެން ބޭނުން ވަނީ. އަހަރެން ވަރަށް ބޭނުން ދަރިފުޅަށް ބަލާލެވޭ ކަހަލަ އެންޓަޓައިނިން ފިލްމެއްގައި މަސައްކަތްކޮށްލަން." ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި މިހާރު އާންމުކޮށް ފެންނަ ޝިލްޕާ ބުންޏެވެ.

މިހާރު ވިޔަފާރީގެ ތެރޭގައި ވެސް އުޅޭ ޝިލްޕާ ބުނި ގޮތުގައި ފިލްމްތަކުން އޭނާ ނުފެނުނަސް ބެލުންތެރިން އަދިވެސް އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. އެހެންވެ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

"މިއީ މި ދާއިރާގައި އަހަރެން އުޅޭތާ ފަންސަވީސް ވަނަ އަހަރު. ބޮޑު ސްކްރީނުން އަހަރެން ނުފެނުނަސް ޓީވީ ފަދަ ޕްލެޓްފޯމްތަކުން އަހަރެން ފެންނާތީ އެނގޭ އަދިވެސް އަހަންނަށް ބެލުންތެރިން އިތުބާރު ކުރާކަން،" އޭނާ ބުންޏެވެ.