އާ މިނިސްޓްރީއެއް އުފައްދާ ސައުދީ ކެބިނެޓަށް ބަދަލުތަކެއް
އާ މިނިސްޓްރީއެއް އުފައްދާ ސައުދީ ކެބިނެޓަށް ބަދަލުތަކެއް

ރިޔާޒް (ޖޫން 3) - ކަލްޗަރަލް މިނިސްޓްރީ އަލަށް އުފައްދާ ސައުދީ އަރަބިއާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހު ވަލީ އަހުދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން ހަމަޖެއްސި ފަހުން ކެބިނެޓަށް ގެނައި ދެ ވަނަ ބަދަލެވެ. ޝާހީ ގަރާރަކުން އިއްޔެ އިއުލާން ކުރި ބަދަލުތަކުގެ ތެެރޭގައި ކަލްޗަރަލް މިނިސްޓްރީ އުފައްދާ އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް ޕްރިންސް ބަދުރު ބިން އަބްދުﷲ ހަމަޖެއްސުން ހިމެނެ އެވެ. އޭނާ އަކީ މިދިޔަ އަހަރު އޮތް ނީލަމެއްގައި ލިއޮނާޑޯ ޑަ ވިންޗީގެ ކުރެހުމެއް ރެކޯޑް އަގެއް ކަމަށްވާ 450 މިލިއަން ޑޮލަރަށް ބައްލަވައިގަތް ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިކޯޓްކުރި ސައުދީ ޕްރިންސެވެ. ވޯލްޑް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ޕްރިންސް ބަދުރު އެ ކުރެހުން ބައްލަވައިގެންނެވީ ޕްރިންސް މުހައްމަދުގެ ފަރާތުންނެވެ.

ޖެނެރަލް ކަލްޗާ އޮތޯރިޓީގެ ބޯޑަށް މިދިޔަ އެޕްރީލް މަހު އައްޔަން ކުރި ޕްރިންސް ބަދުރަކީ މަތީ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ސައުދީގެ އުތުރުގައި ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި ކޮމިޝަނުގެ ގަވަރްނަރު ވެސް މެ އެވެ. އަދި ސައުދީ ރިސާޗް އެންޑް މާކެޓިން ގްރޫޕުގެ ޗެއާމަން އަކީ ވެސް ޕްރިންސް ބަދުރެވެ.

ސައުދީން މިހާތަނަށް ހިންގަމުން އައީ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީ އެއްކޮށްލައިގެންނެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ބިން ސުލައިމާން އަލް ރަޖްހީ ވަނީ ލޭބަ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމަށް ހަމަޖައްސައިފަ އެވެ. ކުރިން އެ މަގާމުގައި ހުންނެވީ އަލީ ބިން ނާސިރު އަލް ޣާފިސް އެވެ. ވަޒީފާ ނެތް މީހުންގެ އަަދަދު މަދުކުރުމަކީ މުހައްމަދު ބިން ސަލްމާންގެ އެއް ސިޔާސަތެވެ. ސައުދީން އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރާ ހަމައަށް ދާއިރު 1.2 މިލިއަން ވަޒީފާ އުފެއްދުމަށެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އަބްދުލްއާތިފް ބިން އަބްދުލް އަޒީޒް ބިން އަބްދުއްރަހުމާން އަލް ޝެއިޚް އެވެ. އޭނާ އަކީ ކުރިން ސައުދީ ރިލިޖަސް ޕޮލިސްގެ އިސް ވެރިޔާ އެވެ.

ސަލްމާން ރަސްގެފާން ވަނީ މައްކާ ސިޓީ އާއި އެނޫން ވެސް މުގައްދަސް ބިންތަކާއި ޖިއްދާގައިވާ ތާރީޚީ ތަންތަން ހިމާޔަތް ކުރުމަށް ރޯޔަލް ކޮމިޝަނެއް އުފައްދަވައިފަ އެވެ.

މީގެ އިތުން ވަނީ ދާޚިލީ، ޓެލެކޮމިއުނިކޭޝަން، ޓްރާންސްޕޯޓް އެންޑް އެނާޖީ، އިންޑަސްޓްރީ އެންޑް މިނެރަލްސް މިނިސްޓްރީ އަށް ނައިބުން ހަމަޖައްސައިފަ އެވެ.