03 ޖޫން 2018 - 16:32

ރިޔާޒް (ޖޫން 3) - ސައުދީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އެކްޓިވިސްޓުންގެ ތެރޭން އަށް މީހަކު ދޫކޮށްލާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.
ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ މިދިޔަ މަހު ހައްޔަރު ކުރި މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އަންހެން އެކްޓިވިސްޓުން ކަމަށެވެ. އަދިވެސް ނުވަ މީހަކު ހައްޔަރުކޮށްފައި އެބަތިބި ކަމަށް ރަސްމީ ނޫސް އެޖެންސީން ބުނެ އެވެ.
ޕަބްލިކް ޕްރޮސެކިއުޓާ ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ސަރުކާރާ ދެކޮޅު ފަރާތްތަކާ މުއާމަލާތް ކުރި ކަމަށް ހައްޔަރު ކުރި މީހުން އެއްބަސްވެފައިވާ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ މިދިޔަ މަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކާރު ދުއްވަން ބާރު އެޅުމަށް އަޑުއުފުލި ފަރާތްތައް ކަމަށެވެ. ސައުދީގައި ވަނީ މި މަހު 24 ވަނަ ދުވަހުން ފެށިގެން އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދޭ ގޮތަށް ނިންމައިފަ އެވެ.