ސްރީދޭވީ ދަރިފުޅު ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ފުރަތަމަ 25 މިނެޓް ބެލި
ސްރީދޭވީ ދަރިފުޅު ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ފުރަތަމަ 25 މިނެޓް ބެލި

ސްރީދޭވީ މަރުވީ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމް "ދަޅަކް" ސްކްރީނުން ބަލައިލަން ނުލިބި އެވެ. އެކަމަކު ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓް ކުރި ފިލްމްގެ ފުރަތަމަ 25 މިނިޓް ބަލައިލުމުގެ ފުރުސަތު އޭނާ އަށް ލިބުނެވެ.

އެ ފިލްމްގެ މަސައްކަތް މިދިޔަ އަހަރު ފެށުމާ އެކު، ސްރީދޭވީ ދިޔައީ ވަރަށް ގާތުން އޭގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަމުންނެވެ. ބައެއް ފަހަރު އޭނާ ސެޓަށް ވެސް ގޮސްފައިވެ އެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" އަންނަ މަހުގެ 20 ގައި ސިނަމާތަކަށް އަންނަ އިރު، އޭނާ ވަނީ ދާދި ފަހުން ފުރަތަމަ ފަހަށް މަޖައްލާއަކަށް އިންޓަވިއުއެއް ވެސް ދީފަ އެވެ. އެ އިންޓަވިއުގައި މަންމަގެ ހަނދާންތައް ވެސް ޖާންވީ އާކޮށްފައިވެ އެވެ.

އުމުރުން 21 އަހަރުގެ ބަތަލާ ބުނި ގޮތުގައި އެޑިޓިން ޓޭބަލްގައި "ދަޅަކް"ގެ އިންޓަވަލް ކުރީގެ ފުރަތަމަ 25 މިނިޓް ސްރީދޭވީ ބެލި އެވެ. އަދި ޖާންވީ ކޮށްފައި ހުރި މަސައްކަތާ ދޭތެރޭ ވަރަށް އުފާވި ކަމަށް ބުނެފައިވެ އެވެ. އެކަމަކު ފެބްރުއަރީ މަހުގެ 24 ގައި ސްރީދޭވީ ކުއްލި ގޮތަކަށް މަރުވި އިރު، "ދަޅަކް" ގެ ޝޫޓިން އެއްކޮށް ނުނިމެ އެވެ.

"މަންޒަރުތައް ބަލާފައި މަންމަ ދިން ބައެއް ކަހަލަ ކޮމެންޓްތައް. އެގޮތުން އެއް ސީނެއްގައި އަހަރެންގެ މަސްކަރާ ފޭދިފައި ހުރީމަ އެކަން ފާހަގަކުރި. އަދި އެކްޓިން ރަނގަޅު ކަމަށާއި ބައެއް ކަންކަން އިތުރަށް ރަނގަޅުކޮށްލީމަ ވަރަށް ބޮޑު ތަން ރަނގަޅު ވާނެ ކަމަށް ވެސް ބުނި،" ޖާންވީ އިންޓަވިއުގައި ބުންޏެވެ. "ވަރަށް އުފާވެފައި މަންމަ ހުރީ އަހަރެންގެ މަސައްކަތް ފެނުނީމަ."

ޖާންވީ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފިލްމްގެ ޕްރިމިއާގައި ބައިވެރިވާން މަންމަ ހުރި ނަމަ، ލިބޭނެ އެއަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ އެވެ. އެކަމަކު މަންމަގެ ލެގަސީ ދަމަހައްޓައި، ސްރީދޭވީ ފަދައިން ބެލުންތެރިން ލޯބިވި ބަތަލާއެއްގެ މަގާމު ހޯދަން ވަރަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

އެ އިންޓަވިއުގައި ޖާންވީ ބުނި ގޮތުގައި މިހާރު ކޮންމެ ހިނދުކޮޅަކީ ވެސް މަންމަގެ ހަނދާންތަކާ އެކު އުޅެން ޖެހިފައިވާ ވަގުތުކޮޅެކެވެ.

"ކުރިން އަހަރެން ނިންދަވަނީ ވެސް މަންމަ. މަންމަ ކައިރީގައި ނެތިއްޔާ އަހަންނަށް ވަރަށް އުނދަގޫ ނިދަން،" އޭނާ ބުންޏެވެ. "އަހަންނަކީ މަންމަގެ ކުޑަކުޑަ ބޭބީއެއް."

ޖާންވީ ބުނި ގޮތުގައި އެ ބޭބީ މިހާރު ބަލަހައްޓަނީ ކޮއްކޮ ހުޝީ ކަޕޫރެވެ.

"މިހާރު ހުޝީ އަހަރެން ނިންދަވަނީ،" އޭނާ ބުންޏެވެ.

"ދަޅަކް" ގައި ޖާންވީއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު އެވެ. ފިލްމް ޓްރެއިލާ އަށް މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

"ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.