ރަސްފަންނުގައި ޝަގުން އެތައް ބަޔަކު ހެއްވާލައިފި!
ރަސްފަންނުގައި ޝަގުން އެތައް ބަޔަކު ހެއްވާލައިފި!

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ހޭ މުހައްބަތޭން"ގައި ޝަގުންގެ ރޯލު އަދާކުރާ އަނީތާ ހަސަންދާނީއާ އެކު މިއަދު ހަވީރު ރަސްފަންނަށް އީދެއް އަތުވެއްޖެ އެވެ. މާލޭގައި ތިބި އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ރަސްފަންނުގައި ނެގި ސެލްފީތަކުން އޭނާ ވަނީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދީފަ އެވެ.

ރަސްފަންނުގައި ޝަގުން އެތައް ބަޔަކު ހެއްވާލައިފި!
ރަސްފަންނުގައި ޝަގުން އެތައް ބަޔަކު ހެއްވާލައިފި!

ފިރިމީހާ ރޯހިތު ރެޑީއާ އެކު އަދާރަން ހުދުރަންފުށީގައި ޗުއްޓީ ހޭދަކުރަމުން އަންނަ އަނީތާއާ ބައްދަލުކުރަން ބޭނުންވާ މީހުން މިއަދު 5:30 ގައި ރަސްފަންނަށް ދިއުމަށް ދައުވަތު ދިނީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. އެކަމަކު އޭގެ މާ ކުރިން ކުދިބޮޑު އެތައް ބަޔަކު ވަނީ ރަސްފަންނު ފުރާލައިފަ އެވެ.

ހޮޓެލް ޖެން އިން ރަސްފަންނަށް ޝަގުން އައި ކާރު މާފަންނު ސްޓާ ސިނަމާ ކައިރީގައި މަޑުކޮށްލުމާ އެކު އެތައް ބަޔަކު އޭނާއާ ދިމާލަށް ދުއްވައިގަތެވެ. އެ ހިސާބުން އެ އެންމެންގެ ތެރޭގައި އޭނާ ތާށިވީ އެވެ.

އޭނާ އެކު ސެލްފީ ނަގަން އެދުނު ގިނަ ބަޔަކަށް ފުރުސަތު ދިނެވެ. ސެލްފީ ނަގަން ބޭނުންވާ މީހުން ގިނަވެ، އެންމެންނަށް ފުރުސަތު ދޭން ވަކި ހިސާބަކުން ޝަގުން އަރަން ޖެހުނީ ފިރިމީހާގެ ރޯހިތު ރެޑީގެ ކޮނޑަށެވެ. ކޮނޑުމަތީގައި ހަމަޖެހިލައިގެން އިނދެ އެތައް ބައަކާ އެކު އޭނާ ފޮޓޯ ނެގި އެވެ.

"ޝަގުންއާ އެކު ފޮޓޯ ނެގުމުން ވަރަށް އުފާވެއްޖެ. މިއީ ވަރަށް ނުލިބޭނެ ޗާންސެއް. ވަރަށް ހިތްހެޔޮ،" ޝަގުންއާ ބައްދަލުވުމުން އުފަލުން ފޮޅިފައި ހުރި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

މީހުންނާއި ނަގަން ޖެހުނު ސެލްފީތައް ގިނަކަމުން ރަސްފަންނު ބަލާލުމުގެ ފުރުސަތެއް ޝަގުން އަކަށް ނުލިބުނެވެ. ސްޓާ ސިނަމާއާ ހިސާބުން އޭނާ އަށް ދެވުނީ، ރަސްފަންނު ނަން ބޯޑާ ހަމައަށެވެ. އެތަނުގައި ސެލްފީ ނެގުމަށް ފަހު އެނބުރި ދާން ޖެހުނީ އެވެ.

އެކަމަކު ހީނުކުރާ ފަދަ ތަރުހީބެއް ދިވެހިންގެ ފަރާތުން ލިބުމުން ޝަގުން ވެސް ހުރީ ވަރަށް ހިތްހަޖެހިފަ އެވެ. އެހެންވެ އޭނާއާ ބައްދަލުކުރުމުގެ ދެ ވަނަ ފުރުސަތެއް ސަޕޯޓަރުންނަށް ލިބުން ގާތެވެ.