08 ޖޫން 2018 - 09:48

"ދަ މެގް" ގައި ކުޅެން ލިބުނު ރޯލަކީ ކެރިއަރުގައި ވަރަށް ބޮޑަށް ވެސް ކުޅެލަން ބޭނުންވި ކަހަލަ ރޯލެއް ކަމަށާއި ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭގެ ލީޑް ރޯލް ކުޅެފައިވާ އެކްޓަރު ޖެޒަން ސްޓެތަމް ބުނެފި އެވެ.
އޮގަސްޓް 10 ގައި ރިލީޒް ކުރާ ފިލްމްގައި އޭނާ ފެނިގެން ދާނީ ދުނިޔޭގެ އެންމެ ބޮޑެތި މިޔަރުތަކާ ހަނގުރާމަކުރާ ރިސާޗަރެއްގެ ރޯލުންނެވެ. މިހާރު ޓްރެއިލާ ވެސް ދައްކާލައިފައިވާ "ދަ މެގް" އަކީ ޖޮން ޓާޓްލަޓޯބް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"އަހަރެން އަބަދު ވެސް ވަރަށް ކުޅެލާ ހިތުން ހުރި ރޯލެއް މެގްގައި ކުޅެން ލިބުމަކީ. އެހެންވެ ވަރަށް މަސައްކަތްކޮށްފައި ހުންނާނެ މިއަށް،" ފާސްޓް އެންޑް ފިއުރިއަސްގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ސްޓެތަމް، 50، ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ދަ މެގް" އަކީ ބެލުންތެރިން ވަރަށް ޝައުގުވެރިކަމާ އެކު ތިއޭޓަރުގައި ތިބެގެން ބަލައިލާ ހިތްވާ ކަހަލަ ފިލްމަކަށް ވެސް ވާނެ އެވެ.
"މި ފިލްމަކީ މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ އޯޑިއަންސަށް ވެސް. މުޅި ޓީމް ވަަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވާނެ ފިލްމް މޮޅުކުރަން، ފުރިހަމަ ކުރަން،" ސްޓެތަމް ބުންޏެވެ.
"ދަ މެގް" އަކީ ސްޓީވް އަލްޓެން 1997 ގައި ލިޔުނު ވާހަކަ "މެގް: އަ ނަވަލް އޮފް ޑީޕް ޓެރާ" އަށް ބިނާކޮށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
ސްޓެތަމްއާ އެކު ފިލްމްގެ ކާސްޓުންގެ ތެރޭގައި ލީ ބިންގްބިންގް، ރޫބީ ރޯޒް، ވިސްޓަން ޗާއޯ، ކްލިފް ކާޓިސް އަދި ރެއިން ވިލްސަން ފެނިގެން ދާނެ އެވެ.