10 ޖޫން 2018 - 21:12

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީން އެންމެ ރަނގަޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމާ އެއްވެސް ބަހެއް ވިދާޅުނުވެ ހުންނެވުމަށް ފަހު ނުސީދާ ގޮތަކަށް އިބޫ މިރޭ ޓްވީޓަކުން ޖަވާބު ދެއްވައިފި އެވެ.
އޭނާ ޓްވީޓް ކުރައްވާފައި ވަނީ ޅެން ބައިތެކެވެ. އޭގައި ވަނީ ޖަންގަލީގައި އެކި ގޮތޮގޮތަށް މަގުތައް ހުންނަ ކަމަށާއި ކުރިއަށް ދާން ޖެހޭނީ އަންތަރީސް ނުވެ، ވިސްނުން އިސްކޮށްގެން ކަމަށެވެ.
"ޖަންގަލީގައި މަގުތަކެއް ވޭ އެކި ގޮތަށް، އެކި ފުއްފުށަށް. އަންތަރީހަށް ނުމެ އަރާ ވިސްނުން އިހަށް އިސް ވެސް ކުރޭ" ހިންނަވަރު ދާއިރާގެ މެމްބަރުގެ ޓުވީޓުގައި ވެ އެވެ.
ނަމަވެސް، މިއީ ކޮން ކަމަކާ ގުޅުވައިގެން އިބޫ ކުރެއްވި ޓްވީޓެއް ކަމެއް ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން އިބޫ އަށް ގުޅުމުން، ވިދާޅުވީ ބައްދަލުވުމެއްގައި އިންނެވުމުން ވާހަކަ ދެއްކެވެން ނެތް ކަމަށެވެ.
ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ނަމަ، އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީން އެންމެ ރަނގަޅީ އިބޫ ކަމަށް ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ބުނަން ފެށުމާ އެކު އެކަން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. މި ޚިޔާލަށް އެއްބަޔަކު ތާއީދުކުރި އިރު އަނެއް ބަޔަކު ވަރަށް ބޮޑަށް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެއާ އެކު އިބޫގެ އާއިލާ މެމްބަރުން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
އަނބިކަނބަލުން، ފަޒްނާ އަހްމަދު ވެސް އިބޫގެ ދިފާއުގައި ރައްދު ދެއްވީ ޅެން ބައިތަކުންނެވެ.
"ވީމާ މޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރި މިވަނީ. ރިމާދަށް ފުރޮޅިގެން އެ ދަނީ، ދިމާޔަށް އަނގުރު އަލިފާނޭ،" އިބޫގެ އަނބިކަނބަލުން ކުރިން ކުރެއްވި ޓްވީޓެއްގައި ވެ އެވެ.
އިބޫ ދިފާއުކުރައްވައި ސޯޝަލް މީޑިއާ މެދުވެރިކޮށް، ދައްތަ އައިމިނަތު މުހައްމަދު ސާލިހް ވިދާޅުވެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން، ބަޔަކު ރަން ބުއްދިވެ އިބޫގެ ބޯ ކަނޑައި ހަވަރަށް ދޭން ގޮވަން ޖެހެނީ ކީއްވެ ހެއްޔެވެ. އަދި އެއީ ދެރަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް އުޅުއްވާ އިބޫ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު އެއް ކެންޑިޑޭޓް ނެރެ ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ އެވެ. އެއް ކެންޑިޑޭޓް ކަނޑައެޅުމުގެ މަޝްވަރާތަކުގައި ވެސް އިސްކޮށް ހުންނަވަނީ އިބޫ އެވެ.