މިލިންކޮވިޗް-ސަވިޗާއި ކޮސްޓާ އަށް ބޮޑެތި އަގުތަކެއް
މިލިންކޮވިޗް-ސަވިޗާއި ކޮސްޓާ އަށް ބޮޑެތި އަގުތަކެއް

ރޯމް (ޖޫން 11) – ލާޒިއޯގެ ސާބިއާ މިޑްފީލްޑަރު ސާގޭ މިލިންކޮވިޗް-ސަވިޗް އަށް ރެއާލް މެޑްރިޑުން 150 މިލިއަން ޔޫރޯގެ ބިޑެެއް އަދި ޔުވެންޓަސްގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ އަށް މެންޗެސްޓާ ސިޓީން 100 މިލިއަން ޔޫރޯގެ ބިޑެއްކުރަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ މިލިންކޮވިޗް-ސަވިޗް އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އެންމެ މޮޅަށް ކުޅުނު އެއް މިޑްފީލްޑަރެވެ. މި އަހަރުގެ ވޯލްޑް ކަޕުން ވެސް ފެންނާނެ މިލިންކޮވިޗް-ސަވިޗް އަކީ ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާންއާ އެއް ސްޓައިލަކަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އޭނާ ގެންދަން ޔުވެންޓަސްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭނުންވާ ކަމަށްވެ އެވެ.

ކޮސްޓާ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުނީ ހަ މިލިއަން ޔޫރޯ އަށް އެއް އަހަރުގެ ލޯނެއްގެ ދަށުންނެވެ. އެ ޓީމުން ދާދި ފަހުން ވަނީ 40 މިލިއަން ޔޫރޯ އަށް އޭނާގެ ކޮންޓްރެކްޓް ދާއިމީކޮށްފަ އެވެ. މާނައަކީ 100 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލައިގެން 60 މިލިއަން ޔޫރޯގެ ފައިދާއެއްވުމެވެ. އެހެންވެއްޖެ ނަމަ އެ ޓީމުން މިލިންކޮވިޗް-ސަވިޗް ގަތުމަށް ފުރުސަތު ލިިބިގެންދާނެ އެވެ.

ބްރެޒިލް ގައުމީ ޓީމުގައި ވެސް ހިމެނޭ ކޮސްޓާ އަކީ ދުވެލި ބާރު ގޯލާ ރަށްޓެހި އެޓޭކިން ކުޅުންތެރިއެކެވެ. އޭނާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަރަށް ގަޔާވާ ކުޅުންތެރިއެއްމެ އެވެ.