މޭޖާ ލީގު ދޫކޮށް ވިއެރާ ފްރާންސް ލީގަށް
މޭޖާ ލީގު ދޫކޮށް ވިއެރާ ފްރާންސް ލީގަށް

ނީސް، ފްރާންސް (ޖޫން 12) – މެޗަކުން ބަލިނުވެ އާސެނަލާ އެކު 2004 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ކެޕްޓަން ފްރާންސްގެ ޕެޓްރިކް ވިއެރާ އެ ގައުމުގެ ނީސްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވެދާނެ ކަމަށް ވެސް އަޑުފެތުރު ވިއެރާ 2016 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އައީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ބަދަލުގައި އެ ޓީމާ ހަވާލުވާނީ، އެ ކްލަބް ހިންގާ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު ޑޮމެނެކް ޓޮރެންޓެވެ. އޭނާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ދަށުން މިދިޔަ 11 އަހަރު މަސައްކަތްކުރި ކޯޗެކެވެ.

ވިއެރާ ހަވާލުވާ ނީސް މިދިޔަ ސީޒަން ނިންމާލީ ފްރާންސް ލީގުގެ އަށް ވަނައިގައި އޮވެ އެވެ. އެ ޓީމުގެ އެންމެ މުހިއްމު އެއް ކުުޅުންތެރިއާ އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ އަންނަ ސީޒަނުގައި މަޑުކުރުމުގެ ފުރުސަތު ކުޑަ އެވެ.

ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ވިއެރާ ކްލަބް ކެރިއަރު ފެށީ 1994 ވަނަ އަހަރު ކާންސް އިންނެވެ. އޭގެ ފަހުން އޭސީ މިލާނަށް ކުޅުމަށް ފަހު އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ 1996 އިން 2005 އަށް އާސެނަލުގަ އެވެ. ވެންގާ ހަވާލުވެ އާސެނަލަށް ތިން ފަހަރު ލީގު ހޯދައިދިން އިރު އޭނާގެ ހިއްސާ ބޮޑެވެ. ފަހުން ޔުވެންޓަސް އާއި އިންޓަ މިލާނަށް ކުޅުމަށް ފަހު ކެރިއަރު ހުއްޓާލީ 2011 ވަނަ އަހަރު، ސިޓީ އަށް ކުޅުމަށް ފަހު އެވެ. އަދި އެ ކްލަބުގެ ފުޓްބޯލް ޑިވެލޮޕްމަންޓް އެގްޒެކެޓިވެއްގެ މަގާމާއި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރި އެވެ.