"ގޭމިން ޑިސްއޯޑާ" އަކީ ބަލިމަޑުކަމެއް: ޑަބްލިއުއެޗްއޯ
"ގޭމިން ޑިސްއޯޑާ" އަކީ ބަލިމަޑުކަމެއް: ޑަބްލިއުއެޗްއޯ

ގޭމް ކުޅެގެން ސިއްހީ ބަލިމަޑުކަމަކަށް ހުށަހެޅިދާނެއޭ ބުނެފި ނަމަ އެކަން ގަބޫލުކުރާނީ ކިތައް މީހުން ބާވަ އެވެ؟

މިކަމާ ގުޅޭ ގޮތުން ދިރާސާކޮށް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުން ދަނިކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ވަނީ "ގޭމިން ޑިސްއޯޑާ" އަކީ ބައްޔެއް ކަމުގައި ކަނޑައަޅައި ރަސްމީކޮށް "ބަލިބަލީގެ ދަފުތަރުގައި" ހިމަނައިފަ އެވެ.

"ގޭމިން ޑިސްއޯޑާ" ގެ އަލާމާތްތަަކުގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ތިން ކަމެއް ފާހަގަކޮށްފައި ވެ އެވެ.

އެއްކަަމަކީ ގޭމު ކުޅުމަށް މާ ގަދަޔަށް ދެވި ހިފުމެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ކަންކަމާ އަޅާ ބަލާއިރު ގޭމު ކުޅުމަށް ހޭދަކުރާ ވަގުތު އާދަޔާ ހިލާފަށް އިތުރުވުމާއި ގޭމު ކުޅުމުގެ ސަބަބުން ހިފޭ ނޭދެވޭ އާދަތަކާ މެދު ފަރުވާތެރިކަން ކުޑަވުމަކީ ވެސް "ގޭމިން ޑިސްއޯޑާގެ" އަލާމާތެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ނަސީބު ވަޒަންކުރުމާއި ޖުވާކުޅުން ފަދަ ކަންކަމަށް ދެވިހިފާ މީހުންގެ ފަރާތުން ފެންނަ ފަދަ އަލާމާތްތަކާ އެއްގޮތް ކަންތައްތަކެއްކަން ފާހަގަކުރަމުން ޑަބްލިއުއެޗްއޯ އިން ބުނީ "ގޭމިން ޑިސްއޯޑާ" ފެތެނީ "ގޭމްބްލިން ޑިސްއޯޑާ" އާ އެއް ގިންތިއަކަށް ކަމަށެވެ.

ސިއްހީ ފަރުވާ ހޯދަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވިޔަސް ދުނިޔޭގެ ނިސްބަތުން "ގޭމިން ޑިސްއޯޑާ" އަށް ޕޮޒިޓިވް ވާ މިންވަރު އަދި އެހާ އާންމު ނޫންކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.