12 ޖޫން 2018 - 11:25

ރޯމް (ޖޫން 12) – ނެދަލެންޑްސްގެ ކުރީގެ މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވެޓްގެ ދަރިފުޅު އަދި ހުނަރުވެރި ވިންގާ ޖަސްޓިން ކްލައިވެޓް އިޓަލީގެ އޭއެސް ރޯމާ އަށް ބަދަލުވެއްޖެ އެވެ.
ރޯމާ އިން ވަނީ އޭނާ 20 މިލިއަން ޔޫރޯ އަށް ގަންނަން އެއްބަސްވެފަ އެވެ. އެކަމަކު ކޮންޓްރެކްޓުގައި ސޮއިކުރާނީ މިއަދު މެޑިކަލް ޓެސްޓް ހެދުމަށް ފަހު އެވެ. އުމުރުން 19 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ މިހާ ހެޔޮ އަގެއްގައި ރޯމާ އަށް ލިބުނީ އޭނާގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާތީ އެވެ.
ނިމުނު ސީޒަނުގައި އޭނާ ވަނީ ނެދަލެންޑްސް ލީގުގައި 10 ގޯލް ޖަހައި ފަސް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާ ވަނީ ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ.
ސަޕޯޓްކުރަނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށާއި އެކަމަކު ކުޅެން ބޭނުންވަނީ ބާސެލޯނާ އަށް ކަމަށް ޖަސްޓިން ވަނީ ކުރިން ބުނެފަ އެެވެ. ޖަސްޓިން ބުނީ ހަތް އަހަރުގެ ތެރޭގައި ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށާއި އޭގެ ކުރިން ޕްރިމިއާ ލީގު ވެސް ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.
އޭނާގެ ބައްޕަ ޕެޓްރިކް ކްލައިވެޓް ވެސް އަޔަކްސްގައި ވިދާލުމަށް ފަހު އެންމެ ފުރަތަމަ ގުޅުނީ އިޓާލިއަން ލީގާ އެވެ. އެކަމަކު އޭސީ މިލާނުގައި އެންމެ ސީޒަނެއް ހޭދަކުރުމަށް ފަހު ގުޅުނީ ސްޕެއިނުގެ ބާސެލޯނާއާ އެވެ. އޭނާ ވިދާލީ އެ ޓީމުގަ އެވެ.
އޭނާ ވެގެންދާނީ އަންނަ ސީޒަނަށް ރޯމާ އިން ގެންނަ ހަތަރު ވަނަ ކުޅުންތެރިއާ އެވެ. ދެން ގެނައީ އެޓަލާންޓާގެ އިޓަލީ މިޑްފީލްޑަރު ބްރަޔަން ކްރިސްޓޭންޓާއި ޑައިނަމޯ ޒެގްރެބުގެ އޭންޓް ކޮރިޗާއި ޕޯޓޯގެ ޑިފެންޑަރު އިވާން މަރްކާނޯ އެވެ.