27 ޖުލައި 2016 - 12:39

އިސްލާމީ މަރުކަޒު ސަރަހައްދުން ރޭ ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބޭއްވި ސަރަހައްދުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ އަދި ސަން އޮންލައިންގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު އާޒިފް ހިމެނެ އެވެ. މީގެ އިތުރުން މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތޯރިގް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި މީހުންގެ ތެރެއިން އާޒިފް ހައްޔަރުކުރީ އިޝާ ނަމާދަށް ދިއުމަށް އިސްލާމީ މަރުކަޒަށް ދަނިކޮންނެވެ. ފިޔާޒާއި ތޯރިގް ހައްޔަރުކުރީ އިސްލާމީ މަރުކަޒު ތެރެއިންނެވެ.
މި މީހުން ދޫކޮށްލީ ރޭ ގާތްގަނޑަކަށް 11:30ހާއިރު ބަންދުގައި އިތުރަށް ބައިތިއްބަން ނުފެންނާތީ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.