14 ޖޫން 2018 - 08:42

ކްރިޕްޓޯކަރަންސީ މައިނިން އެޕްތައް، އައިފޯން އަދި އައިޕެޑްގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެޕަލް އިން ކަނޑައަޅައިފި އެވެ. އެޕަލްގެ އެދުމަކީ އައިއޯއެސް ޑިވައިސްތަކުގެ ހާޑްވެއާ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ އަށް މައިނިން ނުކުރުމެވެ.

ބިޓްކޮއިން އަކީ ކްރިޕްޓޯކަރަންސީއެކެވެ. ބިޓްކޮއިން ނޫނަސް، ކްރިޕްޓޯކަރަންސީ ހުރެ އެވެ. މައިގަނޑު ގޮތެއްގައި ކްރިޕްޓޯކަރަންސީ އަކީ ބިޓްކޮއިން ފަދައިން މާއްދީ ގޮތުން އަތްލެވެން ނެތް ވާޗުއަލް ނުވަތަ ޑިޖިޓަލް ފައިސާ އެވެ.
ކްރިޕްޓޯކަރަންސީ މައިނިން އަށް ބާރުގަދަ ހާޑްވެއާ ބޭނުންވެ އެވެ. އާދައިގެ އިންސާނެއްގެ ސިކުނޑި އަށް ކެތްނުކުރެވޭހައި އުނދަގޫ ހިސާބު ފޮމިއުލާތައް އޮޅުންފިލުވައި ހައްލުކުރުމަށް ބޭނުންވާ ކުޅަދާނަކަން އައިއޯއެސް ޑިވައިސްތަކުގައި ނުހުންނާނެ ކަމަށް އެޕަލް ބުނެ އެވެ. އެހެންކަމުން އެ ފަދަ ބުރަ މަސައްކަތެއް އައިފޯން އަދި އައިޕެޑަށް ޖައްސައިފި ނަމަ، އާދަޔާޚިލާފަށް ފޯނު ހޫނުގަދަވުން، ބަލަހައްޓައިގެން ހުއްޓައި ބެޓެރީ ހުލިވުން އަދި ދިމާވާ ގޮތުން ސްކްރީން ނިވިދިއްލުން އެކަށީގެން ވެ އެވެ.
އެޕަލް އިން އައިއޯއެސް ގައިޑްލައިން އަށް ގެނައި ބަދަލުތަކުގައި، ކްރިޕްޓޯކަރަންސީ އަށް މައިނިންކުރުން ފަދަ، ބެކްގްރައުންޑް މަސައްކަތްތައް ތަންފީޒުކުރާ ގޮތަށް އެޕްލިކޭޝަންތައް ނުއުފެއްދުމަށް ޑިވެލޮޕަރުންނަށް ގޮވާލާފައި ވެ އެވެ.
އައިއޯއެސް ގައިޑްލައިން އަށް ބަދަލުގެނައީ އައިފޯން އަދި އައިޕެޑް އެގޭ ޒާތުގައި އެއީ އެޕަލް އިން ވައުދުވާ ފަދަ އާލާތެއް ގޮތުގައި ދެމެހެއްޓުމަށެވެ. ކުއްލިކުއްލި އަށް ސްކްރީން ނިވިދިއްލި އަދި އަންދާޒާކުރަން ނޭނގޭ ގޮތްގޮތަށް އެ ޑިވައިސްތަކުގެ ހާލަތު ބަދަލުވުމަކީ އެޕަލް އެދޭ ގޮތް ނޫންކަން ކަނޑައެޅުމަށެވެ.