ޕާކިސްތާނުގެ ތާލިބާނުންގެ ވެރިޔާ މަރާލައިފި
ޕާކިސްތާނުގެ ތާލިބާނުންގެ ވެރިޔާ މަރާލައިފި

އެމެރިކާ ސިފައިން ދިން ހަމަލާތަކެއްގައި، ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮފީގެ ވެރިޔާ މުއްލާ ފަޟްލުﷲ މަރާލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

ޕާކިސްތާނުގެ ތާލިބާނުންގެ ވެރިޔާ މަރާލައިފި
ޕާކިސްތާނުގެ ތާލިބާނުންގެ ވެރިޔާ މަރާލައިފި

އެމެރިކާގެ މަސްއޫލު ފަރާތްތަކާ ހަވާލާދީ އަފްޣާން ސަރުކާރުން ބުނި ގޮތުގައި، މުއްލާ ފަޟްލުﷲ މަރުވީ، ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ އިމުގެ ކައިރިން އަފްޣާނިސްތާނުގެ ސަރަހައްދަކަށް ބުރާސްފަތި ދުވަހު އެމެރިކާ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކެއްގަ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިރުމަތީ އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގައި އުޅުނު، ތާލިބާން ޖަމާއަތުގެ ވަރަށް އިސް ވެރިއަކަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ވަނީ ކާމިޔާބު ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް އެއީ ކާކު ކަމެއް އެމެރިކާގެ އަސްކަރިއްޔާ އިން ރަސްމީކޮށް ނުބުނެ އެވެ.

އަފްޣާނިސްތާނުގެ އަސްކަރިއްޔާ އާއި އެމެރިކާގެ އަސްކަރިއްޔާ އިން މި މޭރުމުން ވާހަކަ ދެއްކި ނަމަވެސް، އެ ހަމަލާތަކާ ބެހޭ ގޮތުން ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮފިން، މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އިރު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން މިހާރު އުޅެމުން ދަނީ އަފްޣާނާއި ޕާކިސްތާނު ގުޅޭ އިމުގައިވާ ފަރުބަދަތަކުގެ ތެރޭގައި ކަމަށް ވެ އެވެ. އެހެންކަމުން އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޮމާއި މިސައިލުން ހަމަލާ ދެ އެވެ.

ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮފީގެ ޒައާމަތާ މުއްލާ ފަޟްލުﷲ ހަވާލުވީ، އެ ގޮފީގެ ވެރިއަކަށް ހުންނެވި ބައިތުﷲ މަހްސޫދު، އެމެރިކާގެ ހަމަލާތަކެއްގައި 2013 ވަނަ އަހަރު މަރައިލުމާ ގުޅިގެންނެވެ. ތާލިބާން ޖަމާއަތުގެ މުގޫ އަފްޣާނިސްތާނުގައި އޮންނަ އިރު، ޕާކިސްތާނުގައި އުޅޭ ތާލިބާނުންނަނީ އަފްޣާންގެ ތާލިބާނުންނަށ ވުރެ ވެސް ހަރުކަށި ބައެއް ކަމަށް ބުނެވެ އެވެ.

ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ އަންހެން ކުދިންގެ މަދަރުސާއަކަށް 2014 ވަނަ އަހަރު ހަމަލާދީ ކުޑަކުދިންތަކެއް މަރައިލީ ވެސް މުއްލާ ފަޟްލުﷲގެ ޒައާމަތުގައި ހަނގުރާމަ ކުރަމުންދާ ތާލިބާން ޖަމާއަތުންނެވެ. އޭގެ އިތުރުން، އަންހެން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ، ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ އަށް ހަމަލާދިނީ ވެސް އެ ޖަމާއަތުންނެވެ.

ޕާކިސްތާނުގެ ސްވަތު ވާދީ އަށް އަތްގަދަ ކޮށްގެން އަހަރުތަކެއް ވަންދެން އުޅުނު މުއްލާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިން މީހަކަށް 50 މިލިއަން ޑޮލަރު ދިނުމަށް ވެސް އެމެރިކާ އިން މީގެ ކުރިން ވަނީ ހުށަހަޅައިފަ އެވެ. ޕާކިސްތާނުން އޭނާ ބޭރުކޮށްލުމުން އޭނާ ދިރިއުޅެމުން ދިޔައީ އަފްޣާނިސްތާނުގެ ތެރޭގަ އެވެ.