19 ޖޫން 2018 - 07:47

އައިއޯއެސް އަށް އިތުރުކުރާ ސެކިޔުރިޓީ ފީޗާއަކުން ލައިޓްނިން ޕޯޓް ބަންދުކުރާނެ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން މިކަމާ ގުޅޭ ގޮތުން ކުރިން އެއްޗެއް ނުބުނި ނަމަވެސް، މިހާރު ވަނީ މައުލޫމާތުދީފަ އެވެ. އެޕަލްގެ ބޭނުމަކީ، އައިފޯނަކީ އެއްގޮތަކަށް ވެސް ހެކްނުކުރެވޭ ޑިވައިސްއަކަށް ހެދުމަށް ގްރޭކީ ޑިވައިސްތައް ބަންދުކުރުމެވެ.
އައިއޯއެސް 11.4.1 އަދި އައިއޯއެސް 12 "ޑިވެލޮޕާ ބީޓާ" ގައި "ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް" ވަނީ ހިމަނާފަ އެވެ. މިއީ އާންމުންނަށް މި ފީޗާ ދޫކޮށްލާނެ ކަމަށް ބެލެވޭ ނިޝާނެކެވެ. ނަމަވެސް މި ފީޗާއާ ގުޅޭ ގޮތުން ނޫސްތަކުން ކުރި ސުވާލަށް ކަށަވަރު ޖަވާބެއް ދޭން އެޕަލް ބޭނުމެއް ނުވި އެވެ.
ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑަކީ އައިފޯން ގަދަކަމުން ހުޅުވަން މަސައްކަތްކުރާ މީހުންނަށް ދޭ ޖަވާބެކެވެ. ފުލުން ފަދަ ތަހުގީގީ އިދާރާތަކުން އައިފޯން ހުޅުވަން ކުރާ މަސައްކަތްތައް ބަންދުކުރަން އެޕަލް އިން އަޅާ ފިޔަވަޅެކެވެ.
މި ފީޗާ ބޭނުންކުރަން ފެށުމުން، ބެޓެރީ ޗާޖްކުރުން ފިޔަވައި، ލައިޓްނިން ޕޯޓް މެދުވެރިކޮށް ކުރެވޭ ހުރިހާ މުއާމަލާތެއް އޮޓާމެޓިކުން ބަންދުވެ އެވެ. އެ ގޮތުގައި ލައިޓްނިން ޕޯޓް ބަންދުވަނީ އައިފޯން "އަންލޮކް"ނުކޮށް އޮންނަތާ އެއްގަޑިއިރު ވުމުންނެވެ. އެ އަށް ފަހު ލައިޓްނިން ޕޯޓަކީ އައިފޯނުގެ ގުނަވަނެއް ގޮތުތައި، އެހެން ޑިވައިސްއަކުން ދެނެގަތުން ނާދިރުކަމަކަށް ވެ އެވެ.
އައިފޯން މެދުވެރިކޮށް ހިންގާފައި ހުންނަ ޖަރީމާތައް ބެލުމަށްޓަކައި، އައިފޯން ހުޅުވޭނެ ގޮތެއް ހަދައިދިނުމަށް އެޕަލްގެ ކިބައިން އެދުނު އެދުންތަކަށް އެޕަލް ވަނީ ދެކޮޅުހަދާފަ އެވެ. އެހެންވެ، އައިފޯން ހުޅުވުމަށް ތަހުގީގީ އިދާރާތަކުން ވަނީ ގްރޭކީ ޑިވައިސްތައް ބޭނުންކޮށްގެން އައިފޯން ހުޅުވައިދޭ ކުންފުނިތަކުން އެހީތެރިކަށް ހޯދާފަ އެވެ. އެހެންނަމަވެސް، ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް ތައާރުފުކޮށް ބޭނުންކުރަން ފެށުމުން، ގްރޭކީ ޑިވައިސްތައް ފަދަ ހެކިން ހާޑްވެއާތަކުގެ ބޭނުން ކެނޑިގެން ދާނެ އެވެ.