19 ޖޫން 2018 - 10:41

ބެއިޖިން (ޖޫން 19) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވިތާ ހަފުތާއެއްހާ ދުވަސް ފަހުން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޗައިނާ އަށް ވަޑައިގެންފި އެވެ.
ކިމްގެ ދެ ދުވަހުގެ ދަތުރުގައި ޗައިނާގެ ވެރިންނާ އެކު މަޝްވަރާ ކުރާނެ ކަންކަމުގެ ތެރޭގައި ޓްރަމްޕާ އެކު ބޭއްވި ސަމިޓުގައި އެއްބަސްވި ކަންކަން ތަންފީޒު ކުރުމަށް ބާރު އެޅުމާއި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ވާހަކަތައް ހިމެނެ އެވެ. ނޯތު ކޮރެއާގެ އެކުވެރިއެއް ކަމަށްވާ ޗައިނާ އިން މިހާރު ވެސް ވަނީ ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން އެއްބަސްވެފަ އެވެ.
އަނެއްކޮޅުން ސައުތު ކޮރެއާ އާއި އެމެރިކާ އިން މިހާރު ވަނީ ދެ ގައުމުން ބާއްވަން ނިންމި އަސްކަރީ ތަމްރީނުތައް މަޑުޖައްސާލަން ނިންމައިފަ އެވެ. އެމެރިކާގެ 29،000 ސިފައިން ސައުތު ކޮރެއާގައި ތިބެ އެވެ. ދެ ގައުމުން ކޮންމެ އަހަރަކު ވެސް ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވަ އެވެ. އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ޕްލޭންކޮށްފައި ވަނީ އޮގަސްޓް މަހު އެވެ. އެ ތަމްރީނުތަކުގައި 17،500 ސިފައިން ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
މިއީ މާޗް މަހަށް ފަހު ކިމް ޗައިނާ އަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. ގައުމުގެ ވެރިކަން ލިބިވަޑައިގެންނެވި ފަހުން ކިމް ފުރަތަމަ ވަޑައިގެންނެވީ ވެސް ޗައިނާ އަށެވެ.